ރައީސްގެ މަރުހަބާ އާއި ތަހުނިޔާ ދިވެހި ފުލުހުންނަށް!
ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެންމެހައި ދިވެހި ފުލުހުންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، ވަނީ މި ވޭތުވެދިޔަ 92 އަހަރު ފުލުހުންގެ ކަންކަން ބެލެހެއްޓެވި ވަޒީރުންނާއި، ފުލުހުންގެ އިސް މަގާމުތައް ފުރުއްވާފައިވާ ވެރީންނާއި، ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންގެ އަގުހުރި ޚިދުމަތަށް ޝުކުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.
އަދި ފުލުހުންގެ ޤައުމީ ވާޖިބު އަދާކުރުމުގައި ދެމިތިއްބަވަނިކޮށް ޝަހީދުވީ އަދި ދުނިޔެ ދޫކުރެއްވި ނަމޫނާ ޝަޚްޞިއްޔަތުތަކުގެ ހަނދާން އައުކޮށް ހެޔޮދުޢާ ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ފުލުހުންގެ މޮޓޯއަކީ "ރައްޔިތުންނާއި ޤައުމު ޙިމާޔަތް ކުރުމާއި، ރައްޔިތުންނާއި ޤައުމަށް ޚިދުމަތް ކޮށްދިނުން" ކަމަށާއި، މި މޮޓޯއިން ދޭހަވަނީ ފުލުހުންގެ ޤައުމީ ވާޖިބަކީ ކޮންމެ އުމުރު ފުރާއެއްގެ ކޮންމެ ރައްޔިތަކާވެސް ގުޅިފައިވާ ޚިދުމަތެއްކަމެވެ.
ފުލުހުންގެ ޚިދުމަތުގެ ޙަޔާތުގައި މިހާތަނަށް ވޭތުކުރި ކޮންމެ ދުވަހަކުވެސް، ޙަވާލުވެފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑެތި ޤުރުބާނީތަކެއް ވެފައިވާކަން ރައީސް ފާހަގަކުރައްވައިފައިވެއެވެ. އަދި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކޮށްދިނުމުގައި، އަމާންކަން ޤާއިމުކޮށްދިނުމުގައި، އަދި ކުށުގެ ވެށީން މުޖުތަމަޢު ސަލާމަތްކޮށްދިނުމުގައި، ލިބިފައިވާ ތަމްރީނުތަކާއި ތަޖުރިބާގެ ބޭނުން ހިފައިގެން ބޮޑެތި އެތައް ކާމިޔާބީއެއް ހޯދާފައިވާކަންވެސް ފާހަގަކުރައްވާފައިވެއެވެ.

ރައީސް މުޢިއްޒުގެ އިޚްލާޞްތެރި އިލްތިމާސަކީ، ދިވެހި ކޮންމެ ފުލުހަކީ، ހުވަޔަށް ވަފާތެރި، ދީނަށް ޙުރުމަތްތެރި، ޤައުމަށް ޚިދުމަތްތެރި، ކޮންމެ ރައްޔިތަކާމެދު އޯގާތެރި، ވާޖިބު އަދާކުރުމަށް ފަރުވާތެރި އަގުހުރި ދަރިޔަކަށް ވުން ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިވެހީން އަބަދުމެ ފަޚުރުވެރިވާނެ އަގުހުރި ޚިދުމަތްތަކެއް، ދިވެހި ފުލުހުންގެ ފަރާތުން ރެޔާއިދުވާލު މި ޤައުމަށް ދެއްވަމުން ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ފާހަގަކުރައްވާފައިވަނީ ފުލުހުންގެ މުއައްސަސާގައި ޤައުމަށް ބޭނުންތެރި އެކި ދާއިރާތަކުން މޮޅަށް ކިޔަވައިގެން ތިބި ޤާބިލް އެތައް ދަރީންނެއް ތިބިކަމާއި، ތަފާތު އެކި ހުނަރުތަކާއި ތަޢުލީމު ލިބިފައިވާ ދިވެހީން އެންމެ ގިނަ އެއް ދާއިރާއަށް ދިވެހި ފުލުހުންގެ ޚިދުމަތް މިއަދު ވެފައިވާކަމެވެ.
ފުލުހުންގެ ޤައުމީ ޚިދުމަތަށް 100 އަހަރު ފުރުމާ ހަމައަށް ދާއިރު، މި ސަރަޙައްދުގެ އެންމެ ޒަމާނީ، އެންމެ އިތުބާރު ހުރި، އެންމެ އޯގާތެރި، އެންމެ ތަންފީޒީ ފުލުހުންގެ ޚިދުމަތް ދިވެހިރާއްޖޭގައި އޮތުމަކީ ސަރުކާރުގެ އަމާޒެއްކަންވެސް ރައީސް މުޢިއްޒު ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަބަދުވެސް އަދާކުރަމުންދަނީ ޤާނޫނު ތަންފީޒުކުރުމަށް ކަމަށާއި، އެހެންކަމުން ކޮންމެ ފުލުހެއްގެ ޢަޒުމަކަށް ވާންވާނީ ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމުގައި އެންމެ ފުރަތަމަ ފުލުހުން ނަމޫނާ ދެއްކުން ކަމަށެވެ. އަދި މުޢާމަލާތު ކުރުމުގައި އަޚްލާޤީ ރީތި ހަމަތައް ހިފެހެއްޓުމާއި، ކުށްކުރުން ހުއްޓުވުމުގެ އިތުރުން ކުށަށް އަރައިގަތުމުން މުޖުތަމަޢު ދުރުހެލި ކުރުމަށް މަސައްކަތްކުރުމަކީވެސް ފުލުހުންގެ ވާޖިބެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ނިންމަވާލައްވަމުން ރައީސް ވިދާޅުވެފައިވަނީ ފުލުހުންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލެއްވުމާއި ހިތްވަރަށް ޝުކުރު އަދާކުރައްވާ ކަމަށާއި، ފުލުހުންގެ ޢާއިލާތަކަށް އެމަނިކުފާނުގެ ހިތުގައި ވަނީ ނުހަނު ފުން އިޙްތިރާމަކާއި ލޯތްބެއް ކަމަށެވެ.