logo
banner image

ވޭޕްކުރަން ބޭނުންކުރާ ސާމާނުތަކެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

ވޭޕްކުރަން ބޭނުންކުރާ ސާމާނުތަކެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، މިތަކެތި އަތުލައިގަތީ މިމަހުގެ 18 ވަނަ ދުވަހު މެލޭޝިޔާއިން ރާއްޖެއައި 3 ފަސިންޖަރެއްގެ ލަގެޖުގުން ކަމަށެވެ. އަދި އެ ސާމާނު ފެނިފައިވަނީ އެމީހުންގެ ލަޖެޖުގައި ވޭޕާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، އަތުލައިގަތް ތަކެތީގެ ތެރޭގައި ވޭޕާއި ވޭޕްކުރަން ބޭނުންކުރާ 2062 އައިޓަމް ހިމެނޭކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ:

• ނެނޯ ސްޓިކް – 1714

• ޓެރިއާ ސްޓިކް – 200

• ކެލިބަރން ކާޓްރިޖް – 96

• ވީމޭޓް ކާޓްރިޖް – 50

• ވޭޕް ފްލޭވަރ ލިކުއިޑް (2 ފުޅި)

މީގެ އިތުރުން ކަސްޓަމްސް އިން ވަނީ ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕްގެ 2008 އައިޓަމް ކަސްޓަމްސް އިން އަތުލައިގެންފައެވެ.

‏މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ އެއަރކާގޯ ޝިޕްމެންޓެއްގައި ވޭޕް ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައެވެ.

ކަސްޓަމްސްއިން ދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމުންނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ވޭޕްގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރުން މަނާކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ.

ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއްގެ އާލާތެއް ރާއްޖޭގައި ވިއްކައިފިނަމަ އެ ފަރާތެއް 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެފަދަ އެއްޗެއް ހިލޭ ބަހައިފިނަމަ އެކަން ކުރި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް މިހާރު ވަނީ ކަނޑައަޅާފައެވެ.