މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި
'ކުރަނގި' އޮޕަރެޝަނުގައި މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން އުޅޭ މައްސަލަ ބޮޑުވެ ރެގިއުލޭޓްކުރުމަށްޓަކާ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށީ މިދިޔަ އަހަރު މެއި މަހުގެ 2ވަނަ ދުވަހުއެވެ.
މި މަސައްކަތުގެ ދަށުން ފާއިތުވި 10 މަސް ތެރޭގައި މައުލޫމާތު އެއްކުރެވުނު ބިދޭސީންގެ އަދަދު 1،00،000އަށް މިހާރު ވަނީ އަރާފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން އެކަނި ވެސް 65،000 ބިދޭސީން ހިމެނެއެވެ.
މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ މުއްދަތުގައި ވެސް ކުރެވުނު މަސައްކަތާ އަޅާބަލާއިރު މިއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެގޮތުން މިދިޔަ ފަސް އަހަރު އެއްކުރެވިފައި ވަނި 40 ހާހެއްހާ ބިދޭސީންގެ މައުލޫމާތުކަން ތަފާސްހިސާބުތަކުން ފެންނަން އެބަހުއްޓެވެ.
ބިދޭސީންގެ މައްސަލަ މިހާ ގޯސްވެފައިވަނީ މީގެ ކުރިން ސަރުކާރުތަކުން މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާތީކަން ދާޚިލީ ވުޒާރާއިން ފާހަގަކުރެއެވެ. އަދި ކުރަނގި އޮޕަރޭޝަން ނިމޭއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ސަރުކާރުން ދެކެއެވެ. މީގެ އިތުރަށް ރާއްޖެއަށް ބިދޭސީން ގެނައުމުގައި މިހާރު އޮތް ދަތިކަން ވެސް ފިލާނެ ކަމަށް ގަބޫލުކުރެއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ދާޚިލީ ވުޒާރާއިން ގިނަ މަސައްކަތްތަކެއް މިވަގުތު ކުރަމުން އަންނައިރު ހުޅުމާލެ ފޭސް 1ގެ ރެހެންދި ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، ވަޒީފާ ދޭ ފަރާތްތަކަށް ދާޚިލީ ވުޒާރާއިން އެންގީ ފެބްރުއަރީ މަހުގެ 02ވަނަ ދުވަހުއެވެ.
ދާޚިލީ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ވަނީ ވަޒީފާދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް ކުރަނގި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި 2025 މާރޗް 06ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ދުވަހު، (ހުކުރު ދުވަސް ފިޔަވައި) ރޭގަނޑު 21:30 އިން 00:30އަށް ހުޅުމާލެ ފޭސް 1ގެ ރެހެންދި ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށެވެ.
އަދި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމަށް އެން.ސީ.އައި.ޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަޙައްދުގައި ގާއިމްކޮށްފައިވާ ޑެސްކްގެ އިތުރުން ކަލާފާނު ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމަށް 2025 މާރޗް 09ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ދުވަހު، (ހުކުރުދުވަސް ފިޔަވައި) ހެނދުނު 09:30 އިން 16:00އަށް އަދި ރޭގަނޑު 21:30އިން 23:30އަށް ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމްތައް ހަމަޖެހިފައިވެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7690228 ގުޅުއްވައި ނުވަތަ [email protected]އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ރިޒޯޓްތަކާއި ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާ، އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް 2025 އޭޕްރީލް 15ވަނަ ދުވަހުގެ ކުރިން އެން.ސީ.އައި.ޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް ވުޒާރާއިން ވަނީ އެދިފައެވެ.
މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލުމަށް މިހާރު ވަނީ ނިންމާފައެވެ.