logo
banner image

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކައުންސިލްތަކުން އެދޭނަމަ އެކަމަށް ފުރިހަމަ އިޖާބަދޭނަން: އަޝްފާން

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރަށު ކައުންސިލްތަކުން އެދިއްޖެ ނަމަ އެކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަދު އަޝްފާން ދެއްވައިފިއެވެ.

މި ޔަގީންކަން އަޝްފާން ދެއްވީ ދިވެހި ޗެނަލުން ގެނެސްދިން ހަވާސާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮންޓްރޯލަރ ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތައް މިދިޔަ އަހަރު ރާއްޖޭގެ ރަށްރަށުގައި ކުރިއަށްގެންދިޔަ ކަމަށާއި އެ މަސައްކަތްތައް ކާމިޔާބުކަމާއެކީ ކުރެވެނީ ރަށްރަށުގެ ކައުންސިލްތަކުގެ އެއްބާރުލުމާއެކީގައި ކަމަށެވެ.

ރަށްރަށުގަ ރެއިޑް އޮޕަރޭޝަންތައް ހިންގޭނީ ކައުންސިލްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ކައުންސިލްތަކުން އެކަމަށް އެދޭނަ އިމިގްރޭޝަންގެ ފުލް ސަޕޯޓު އެކަމަށް ލިބޭނެ. ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން

އަދި މި ފަދަ މަސައްކަތްތަކަކީ ކައުންސިލްތަކާ ގުޅިގެން ކުރެވޭނެ ކަމެއްކަން އަޝްފާން ވަނީ ފާހަގަކުރައްވާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތައް އަތޮޅުތަކަށް ފުޅާ ކުރުމުގެ މަސައްކަތް ފަށާފަވާއިރު އިމިގްރޭޝަނުން ވަނީ ކ. ގުރައިދޫ އަދި ތިލަފުށީގައި މި އޮޕަރޭޝަން ހިންގާފައެވެ. އެގޮތުން ކ. ގުރައިދޫގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި 39 ބިދޭސީއަކު ހައްޔަރުކޮށްފަވާއިރު ތިލަފުށީގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 33 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން އުޅޭ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ކަމާގުޅުންހުރި އިދާރާތަކުން ދަނީ ހިންގަމުންނެވެ.

އިމިގްރޭޝަންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އަދި އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މި އޮޕަރޭޝަނުގައި ބައިވެރިވެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓް ފޯމެއްވެސްވަނީ ޤާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފަވާއިރު މީގެތެރެއިން ނުނިމި އޮތީ އެންމެ 11 މައްސަލައެކެވެ.

ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައިވެސް ހަރަކާތެއްދަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް 43,294 ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ.

ރައީސް ޑރ. މުއިއްޒު ވައުދުފުޅާއި އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.