logo
banner image

ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަނީ

ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތުދޭ ގޮތުގައި ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެމީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ފުލުހުން ހޯދަމުންދާ ފަރާތްތަކަކީ ށ. ފޯކައިދޫ / ދަންމަރު، އަޙްމަދު ޒާހިދު އާއި ސ. ފޭދޫ / އެވަރެސްޓް، ޙުސައިން ޞާލިޙްއެވެ

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، 2024 މިމަހުގެ 30ވަނަ ދުވަހުގެ ހެނދުނު 10:00އަށް ނުވަތަވީ އެންމެ އަވަހަކަށް.

މީގެ އިތުރުން ފުލުހުން ވަނީ މިއަހަރުގެ ޖުލައި 24ވަނަ ދުވަހުގެ ފަތިހު 5:10 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓަކުން އައި ތިން މީހަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވާފައެވެ.

މައްސަލައިގެ ތަހުގީގު ނިންމައި، މޮލްވި މުޙައްމަދު ހާރޫން (49އ) ޕާކިސްތާން، ވ. ސިނަމާލެ 4 3-03 ޝާހިލް މުޙައްމަދު (40އ) އަދި ހދ. ކުމުންދޫ / ނަރުގިސްވިލާ، އަޙްމަދު ޢައްފާނު (25އ)ގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބަލައިގެންފައެވެ.