logo
banner image

ހުޅުމާލޭގެ މަގުތަކާއި ގޯޅިތަކުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

ހުޅުމާލޭގެ މަގުތަކާއި ގޯޅިތަކުގައި ގަވާއިދާ ހިލާފަށް، ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސް ވަންދެން ބަހައްޓާފައިހުރި އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ކުރާނީ އެޗްޑީސީ އަދި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެންނެވެ.

މާދަމާ ހެނދުނު 08:00 އިން ފެށިގެން މި މަސައްކަތް ކުރިއަށްދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ޓޯ ކުރާ އުޅަނދުތަކާއި މެެދު ޢަމަލުކުރުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ޓޯ ޔާޑަށް ގެންގޮސް 7 ދުވަހުގެ މުހަލަތެއް ދީ ވެރިފަރާތުން ހާޒިރުވުމަށް އިއުލާން ކުރެވޭނެއެވެ.

ޤަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތައް ވަގުތީގޮތުން ބޭއްވުމަށް ސަރުކާރުން ބިމެއް ހަމަޖައްސައި ދިން ނަމަވެސް އެ ބިމުގެ ބޭނުން ނުކުރާ ކަމަށާއި، އެފަދަ އުޅަނދުތައް ޓޯ ކުރާނެ ކަމަށް ފުލުހުންގެ ޚިދުމަތުން މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަޙައްދުގައި ޤަވާއިދާއި ޚިލާފަށް ބޭނުންކުރަމުންދާ އުޅަނދުތަކުގެ ރަޖިސްޓްރީއާ އެހެނިހެން ކަންކަން އިސްލާހުކުރަންދެން، ވަގުތީގޮތުން އެ އުޅަނދުތައް ބޭއްވުމަށް ސަރުކާރުން ބިމެއް ހަމަޖައްސަވާ ދެއްވާފައިވަނީ މިދިޔަ އޮގަސްޓު މަހުއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އެޗްޑީސީ މެދުވެރިކޮށް ހަމަޖައްސައި ދިން ބިމަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެމްއޭސީއެލް ފްލެޓާއި އިންވެގެން އޮންނަ ހުސް ބިމެކެވެ.

މި ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ހުރި އުޅަނދުތައް އެއްވެސް އަގެއް ނެތި ވަގުތީ ގޮތުން ޕާކު ކުރުމަށް ސަރުކާރުން ވަނީ ފުރުޞަތު ދީފައެވެ.

އެގޮތުން ހަމައެކަނި ހުޅުމާލޭގައިވެސް ޤަވާއިދާ ޚިލާފަށް ރެޖިސްޓްރީ ނުކޮށް ނުވަތަ އެހެން ޒޯނެއްގައި ރެޖިސްޓްރީކޮށްފައިވާ 500 އަށް ވުރެ ގިނަ އުޅަނދު ޕާކްކޮށްފައި އޮތް ކަމަށް ފުލުހުން އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ސަރުކާރުން ބިން ދެއްކި ނަމަވެސް އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބެމުން ނުދާކަން ފުލުހުން ފާހަގަކުރައްވައެވެ.