logo
banner image

އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތުދީފި

އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސެޝަންތަކެއް ކެޔޮދުއާއި ފެލިދޫގައި ކުރިއަށް ގެންގޮސްފިއެވެ.

ސައިބަރ ކްރައިމް ސެންޓަރާއި ވ. އަތޮޅު ޕޮލިސް ގުޅިގެން މިމަހުގެ 21 އަދި 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި މައުލޫމާތުދީފައިވަނީ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށެވެ.

އެގޮތުން، ސްކޫލު ދަރިވަރުންނަށް މައުލޫމާތުދިނުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި، އިންޓަނެޓުގެ ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ކަންކަން ބުނެދީފައިވެއެވެ. އަދި އޮންލައިން ގޭމު ކުޅޭއިރު ދިމާވެދާނެ އެކި މައްސަލަތަކާއި އެފަދަ ކަންކަމުން ރައްކާތެރިވާނެގޮތާއި ސައިބަރ ބުލީންގ އަދި ސައިބަރ ގްރޫމިންގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތްތައް އެ ދަރިވަރުންނަށް ކިޔައިދީފައިވެއެވެ. އޭގެ އިތުރުން، އިންޓަނެޓުން ބައްދަލުވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެއްވެސް ކަމެއް ދިމާވެއްޖެނަމަ ސިއްރުނުކޮށް ބެލެނިވެރިންގެ އެހީތެރިކަން ހޯދުމަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ.

ބެލެނިވެރިންނަށް މައުލޫމާތުދިނުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި، ދަރިން އިންޓަނެޓު ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތާއި އިންޓަނެޓު މެދުވެރިކޮށް ދަރިންނަށް ކުރިމަތިވެދާނެ ނޭދެވޭ ކަންކަމާއި އެފަދަ ކަންކަމުން ރައްކާތެރިކުރުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެ އިތުރުން، ދަރިން ގެންގުޅޭ ޑިވައިސްތަކާއި ބޭނުންކުރާ އެޕްތައް ބެލެނިވެރިން ކޮންޓްރޯލުކުރާނެ ގޮތުގެ އިތުރުން ސްކްރީން ޓައިމް ލިމިޓްކުރާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ.

ސައިބަރ ނުރައްކާތައް ދެނެގަނެ، ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރުމާއި، ގޭތެރޭގައި ދުޅަހެޔޮ ޑިޖިޓަލް މާހައުލެއް ގާއިމުކުރުމަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި، ފެލިދޫ ސްކޫލުގެ 64 ދަރިވަރުންނާއި ކެޔޮދޫ ސްކޫލުގެ 82 ދަރިވަރުން އަދި ދެ ސްކޫލުގެ 50 ބެލެނިވެރިންނަށް މައުލޫމާތުދީފައިވެއެވެ.