ނ. އަތޮޅުގެ ރައްޔިތުންނަކީ ޒަމާނުއްސުރެ އަމަންއަމާންކަމަށް ލޯބިކުރާ ބައެއް: ސީޕީ
ނ. އަތޮޅުގެ ރައްޔިތުންނަކީ ޒަމާނުއްސުރެ އަމަންއަމާންކަމަށް ލޯބިކުރާ ބައެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ނ. ފޮއްދޫ ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ނ. އަތޮޅުގެ ރައްޔިތުންނަކީ ޒަމާނުއްސުރެ އަމަންއަމާންކަމަށް ލޯބިކުރާ ބައެއް ކަމަށާއި މީގެ ގާތްގަނޑަކަށް 26 ނުވަތަ 27 އަހަރު ކުރިން އެ އަތޮޅުގައި އެއްވެސް ޕޮލިސް ސްޓޭޝަނެއް ނެތް ދުވަސްވަރުވެސް، ނ. އަތޮޅު ކޮމިޓީގެ ބަޖެޓުން ހަރަދުކޮށްގެން މަނަދޫގައި ފުލުހުންގެ މަރުކަޒެއް އަޅައި ފުލުހުން ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދި ފޮއްދޫގެ ރައްޔިތުންނަކީ ފުލުހުންގެ ޚިދުމަތްތައް ލޯތްބާއެކު ބަލައިގަންނަ އަދި ރަށުގައި ފުލުހުން ގާއިމުވެ ތިބުމަށް އެދޭ ބައެއްކަން ރަސްމިއްޔާތުގެ ހާޒިރީއާއި ރައްޔިތުންގެ އެއްބާރުލުމުން ހާމަވެގެންދާ ކަމެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.
އަޅުގަނޑު އުންމީދުކުރަނީ އިރާދަކުރެއްވިއްޔާމު މި ހުޅުވިގެންދާ ސްޓޭޝަނުގައި މިއަދު މިތާ މަސައްކަތްކުރާ ފުލުހުންނާއި މި ރަށު ރައްޔިތުންނާ ގުޅިގެން މި ރަށު ރައްޔިތުން އެދޭފަދަ ޚިދުމަތެއް މިތަނުގައި ފުލުހުން ތިބެގެން ރައްޔިތުންނަށް ދެމުންދާނެކަން. އެކަން އިރާދަކުރެއްވިއްޔާ މެދުނުކެނޑި ހަމަ އެގޮތުގައި ކުރިއަށްދާނެ. ކޮމިޝަނަރ އޮފް ޕޮލިސް
ކުރީގެ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ފާހަގަކުރެއްވީ، މީގެ ކުރިން ފުލުހުންގެ ދާއިމީ މަރުކަޒުތައް ގާއިމުކުރުމުގައި އިސްކަންދެވިފައި އޮންނަނީ ނ. މަނަދޫއާއި ވެލިދޫ ފަދަ އާބާދީ ބޮޑެތި އަދި ކުށްކުރުން ގިނަ ރަށްރަށަށް އެކަނި ކަމަށެވެ.
ނަމަވެސް ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު ސަރުކާރުގެ ބަޖެޓުން ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމަށް އިސްކަންދިނުމުގެ ނަތީޖާއެއްގެ ގޮތުން، އާބާދީ ކުދި ރަށްރަށުގައިވެސް ފުލުހުންގެ ދާއިމީ މަރުކަޒުތައް ގާއިމުވެގެންދާކަން ސީޕީ ފާހަގަކުރެއްވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ނ. އަތޮޅުގެ ދެބައިކުޅަ އެއްބައި ރަށްރަށުގައި ފުލުހުން ގާއިމުވެފައި ނެތްކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، މިހާރު އެ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުކުރެވި، ފުލުހުން ތިބޭނެ ދާއިމީ މަރުކަޒުތައް ހުޅުވެމުންދާ ކަމަށެވެ.

ނ. މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށްފަހު ފޮއްދޫގައި ހުޅުވުނު މި މަރުކަޒަކީ ވޭތުވެދިޔަ ގާތްގަނޑަކަށް 26 ގަޑިއިރުގެ ތެރޭގައި ހުޅުވުނު ތިންވަނަ ޕޮލިސް ސްޓޭޝަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ވޭތުވެދިޔަ ގާތްގަނޑަކަށް 26 ގަޑިއިރު ތެރޭގައި ފުލުހުންގެ މިގޮތަށް އަޅުގަނޑުމެން އިހުތިފާލުކުރާ، ހުޅުވާ ތިންވަނަ ޕޮލިސް ސްޓޭޝަން ނުވަތަ މަރުކަޒު ހުޅުވާ ވަގުތު. މިއީ ވަރަށް އުފާވެރި އިހުސާސެއް. ކޮމިޝަނަރ އޮފް ޕޮލިސް
ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރައްގީއަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށާއި، އަމަލީ ގޮތުން ރަށްރަށަށް ވަޑައިގެން މި މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ ދާޚިލީ ވަޒީރު ޢަލީ އިޙްސާނަށް ކޮމިޝަނަރ އޮފް ޕޮލިސް ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގެ އިންތިޒާމުތައް ފުރިހަމަކުރުމުގައި ނ. ފޮއްދޫ ކައުންސިލާއި ރައްޔިތުން ދެއްވި އެހީތެރިކަމަށާއި ކީ ހޫނު މަރުހަބާއަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
