logo
banner image

ރައްޔިތުންނާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދިނުމަށް ވަޒީރު އެދިވަޑައިގެންފި

ރައްޔިތުންނާ ގުޅިގެން ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުލުހުންގެ ކިބައިން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެދިވަޑައިގެންފިއެވެ.

މިކަމަށް ފުލުހުންގެ ކިބައިން ވަޒީރު އެދިވަޑައިގަތީ ނ. މާފަރުގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ރައްޔިތުންނާ ގުޅިގެން ވީހާވެސް ގާތުން ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަދި މުޖުތަމައު ތެރޭގައި އޮންނަންޖެހޭ ހަމަޖެހުން އެންމެ ފުރިހަމައަށް ގާއިމުވެގެންދާނީ ރައްޔިތުން ވެސް ފުލުހުންނާ އެކުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި، ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ބޭނުންވާ މައުލޫމާތުތައް ގަވާއިދުން ފޯރުކޮށްދިނުމަށްވެސް ވަޒީރު އެދިވަޑައިގެންނެވިއެވެ.

މީގެކުރިން ޕޮލިސް ސްޓޭޝަންތައް ހުޅުވުނު ރަށްރަށުން ފެނިގެންދިޔަ ވަރަށް ރިވެތި ނަމޫނާތަކެއް. އެ ރަށްރަށުގެ ކުށުގެ މާހައުލު ބަދަލުވެ އަދި ކުށްކުރުން މަދުވެފައިވޭ. ޚާއްސަކޮށް މި ހިސާބުގައި ގެވެށި އަނިޔާގެ މައްސަލަތަކާ އެއްޗެހި ރިޕޯޓުކުރެވޭލެއް ގިނަ. މި ބާވަތުގެ ކަންކަމަށް ވަރަށް ޕޮޒިޓިވް އިމްޕެކްޓެއް އައިސްފައި އެބަހުރި. ވަރަށް ބޮޑުތަނުން ކުޑަވެފައި އެބަހުރި. އެހެން ރަށްރަށުގައި އަމިއްލަ ސްޓޭޝަން ހަދައިގެން މަސައްކަތް ފެށި ހިސާބުން. އެހެންވީމާ، އަޅުގަނޑު އެ ދެން، މި ރަށުގައި ވެސް އެ ރޫހުގައި، މި ރަށުގައި ތިއްބަވާ ފުލުހުން އެ ގޮތުގައި އެ މަސައްކަތްތައް ކޮށްދެއްވުމަށް. ވަޒީރު

ވަޒީރު ވަނީ ފުލުހުންނަށް ދިމާވާ ކަންކަމުގައި އެހީތެރިކަންދިނުމާއި، ފުލުހުންނަށް އެދޭ ހާލަތުގައި އަދި ފުލުހުންގެ ހިދުމަތަށް އެދޭ ހާލަތުގައި ވީހާވެސް އަވަހަކަށް އެ ހިދުމަތްތައް ހޯދުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅީ 2025 ޖުލައި 21 ވަނަ ދުވަހުއެވެ.