ކޮންމެ އައު ޑިޖިޓަލް ގުޅުމަކީ ރައްޔިތުންނަށް ލިބޭ ފުރުސަތެއް: ސްޓޭޓް ކިނާނަތު
ކޮންމެ އައު ޑިޖިޓަލް ގުޅުމަކީ ރައްޔިތުންނަށް ލިބޭ ފުރުސަތެއް ކަމަށާއި ނަމަވެސް ރައްކާތެރިކަން ޤާއިމުކޮށްފައި ނުވާނަމަ އެއީ ވަރަށް ބޮޑު ނުރައްކަލަކަށް ހުށަހެޅިގެން ދާނެ ކަމެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
"ސައިބަރ ރެސްޕޮންސް އިންސިޑެންޓް ވާރކްޝޮޕް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ޑރ. ކިނާނަތު ވިދާޅުވީ ސައިބަރ ސެކިއުރިޓީއާ ނުލައި ޑިޖިޓަލް ޓްރާންސްފޯމޭޝަން ކުރިއަށް ގެންދިއުމަކީ އަގު ބޮޑު ގަހަނާ އަދި ޖަވާހިރު ހުރި ތިޖޫރިއެއް ތަޅު ނުލާ ހުޅުވާލާފައި ހުރުން ކަހަލަ ކަމެއް ކަމަށެވެ.
ކޮންމެ އައު ޑިޖިޓަލް ގުޅުމަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭ ފުރުޞަތެއް. ނަމަވެސް ރައްކާތެރިކަން ޤާއިމުކޮށްފައި ނުވާނަމަ އެއީ ވަރަށް ބޮޑު ނުރައްކަލަކަށް ހުށަހެޅިގެން ދާނެ ކަމެއްވެސް މެ. ޑިޖިޓަލް ޓެކްނޮލޮޖީތައް ވަނީ ނުރައްކާތަކުން ވަށައިލެވިފައި. ސައިބަރ ހަމަލާތަކަކީ އަޅުގަނޑުމެންގެ ލޮލަށް ފެންނަ އެއްޗެއް ނޫން. ނަމަވެސް، އެ ހަމަލާއެއް އަމާޒުވުމުން އޭގެން ލިބޭ ގެއްލުމާއި ވޭން އިންތިހާއަށް ބޮޑު. ޑރ. ކިނާނަތު
ސްޓޭޓް ވަނީ ސައިބަރ ސެކިއުރިޓީ ހަރުދަނާނުކޮށް ޑިޖިޓަލް އިކޯސިސްޓަމް ހަރުދަނާ ކުރުމަކީ މާނައެއް ނެތް ކަމެއްކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުން ކަމަށްވާ "މޯލްޑިވްސް 2.0"ގެ ދަށުން، ދިވެހިރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ ދާއިރާ ހަރުދަނާ ކުރުމަށް ވަނީ ޚާއްސަ އަހަންމިއްޔަތު ކަމެއް ދެއްވާފައި ކަމަށްވެސް ސްޓޭޓް ވިދާޅުވިއެވެ.
އަޅުގަނޑުމެން އާޓިފިޝަލް އިންޓެލިޖެންސް (AI) އާއި، ޑިޖިޓަލް އިކޯސިސްޓަމްތަކާއި، އަދި އިންޓެލިޖެންޓް ގަވަރމަންޓާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަ ދައްކަން. ނަމަވެސް، މި އެއްވެސް ކަމެއް އެއް ބިންގަލަކާ ނުލައި ހާސިލެއް ނުކުރެވޭނެ. އެ ބިންގަލަކީ "ސައިބަރ ސެކިއުރިޓީ". ޑރ. ކިނާނަތު
ސައިބަރ ނުރައްކާތަކަކީ ދިމާވެފައިވާ އެންމެ ބޮޑު އެއް ސެކިއުރިޓީ ރިސްކްކަން ފާހަގަކުރައްވާ ސްޓޭޓް ކިނާނަތު ވިދާޅުވީ ސައިބަރ ނުރައްކާތަކަށް ވަނުމަށް އެހެން ޤައުމަކަށް ދަތުރުކުރާކަށް ނުވަތަ ވީސާ އެއް ބޭނުމެއް ނުވާ ކަމަށެވެ.
އަދި އެންމެ ކްލިކަކުން ރައްޔިތުންގެ މަޢުލޫމާތު ނުރައްކަލަށް ހުށަހެޅި ނުވަތަ ޢާންމުންނަށް ދޭ ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ހުއްޓުމަކަށް އައިސްދާނެކަން ސްޓޭޓްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ސްޓޭޓް ވިދާޅުވީ ރައްޔިތުން ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރަން ފަސްނުޖެހޭނީ އެބައެއްގެ ޑޭޓާއަކީ ރައްކާތެރި ކަން ކަށަވަރުވެފައިވާ ޑޭޓާއެއްކަން ރައްޔިތުންނަށް ޔަޤީންވުމުން ކަމަށެވެ.
އަދި ވިޔަފާރިވެރިން، އެފަރާތްތަކުން ކުރައްވާ އިންވެސްޓްމަންޓުތައް ކުރައްވާނީ އަޅުގަނޑުގެމެންގެ ނިޒާމުތަކަކީ ހަރުދަނާ އަދި ރައްކާތެރި ނިޒާމުތަކަކަށް ވުމުން އެކަނި. އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންވީ ކަމަކީ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ހަމައެކަނި ނިޒާމުތައް ރައްކާތެރި ކުރުމެއް ނޫން. އަޅުގަނޑުމެން މިދަނީ ޤައުމުގެ ސިޔާދަތާއި، އިޤްތިޞާދާއި އަދި ރައްޔިތުންގެ އިތުބާރު ރައްކާތެރިކުރަމުން. ޑރ. ކިނާނަތު
މީގެ އިތުރަށް ސްޓޭޓް ވަނީ ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދުގެ ކުރިއެރުމަށާއި ފާގަތިކަމަށްޓަކައި އެކަށީގެންވާ ސައިބަރ ސެކިއުރިޓީ ޤާބިލުކަމާއި ތައްޔާރަށް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަންވެސް ފާހަގަކުރައްވާފައެވެ.
ސްޓޭޓް ވަނީ އުސޫލު ބިނާވާންޖެހެނީ ތިން ތަނބެއްގެ މައްޗަށްކަން ފާހަގަކުރައްވާ އެ ތިން އުސޫލުވެސް ތަފްސީލްކޮށްދެއްވާފައެވެ.
އެގޮތުން ރިއެކްޝަން (ޖަވާބުދާރީވުމަށް) ވުރެ ރެޒިލިއަންސް (ކެތްތެރިކަމާއި ދެމެހެއްޓެނިވިކަން) އިސްކުރުން. ބްރީޗްތައް ރަނގަޅުކުރުމުގެ ބަދަލުގައި އެކަންކަން ހުއްޓުވުމަށް އަޅުގަނޑުމެން މަސައްކަތްކޮށް ޒަމާނީ ގޮތުން މޮނިޓަރ ކުރުމާއި، ޒީރޯ-ޓްރަސްޓް އާކިޓެކްޗަރ އާއި، އަދި އާޓިފިޝަލް އިންޓެލިޖެންސަށް (AI) ބަރޯސާވެގެން ނުރައްކާތައް ދެނެގަތުން ހިމެނެއެވެ.
ފުރަތަމަ ފަޔަރވޯލަކީ މީހުން - ހާދިސާތަކުގެ 90 އިންސައްތަ ފެށެނީ އިންސާނުންގެ ކިބައިން ހެދޭ ގޯސްތަކަކުން ކަމަށްވާތީ، ހަމައެކަނި ޓެކްނޮލޮޖީއަކަށް އަޅުގަނޑުމެން ރައްކާތެރިއެއް ނުކުރެވޭނެ. އެންމެހައި ރައްޔިތުންނަށް ސައިބަރ ހޭލުންތެރިކަން ގެނައުމަކީ އެންމެ ވަރުގަދަ ދިފާޢު
އެކުއެކީގައި ކުރާ ދިފާޢު- ވަކި މިނިސްޓްރީއަކަށް، ސަރުކާރުގެ އިދާރާއަކަށް، ނުވަތަ ޕްރައިވެޓް ސެކްޓަރަކަށް އެކަނި މިކަމާ ދެކޮޅަށް ނުކުމެވޭނެ. އަޅުގަނޑުމެން ބޭނުންވަނީ އެއްބައިވަންތަ ޤައުމީ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރަކާއި، ބައިނަލްއަޤްވާމީ ބައިވެރިންނާއެކު އޮންނަ ވަރުގަދަ ބައިވެރިވުންތަކެއް.
ސްޓޭޓް ޑރ. ކިނާނަތު ވަނީ ވޯލްޑް ބޭންކް ގްރޫޕްގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެ ފަރާތަށް ޝުކުރު އަދާކުރައްވާފއެވެ.
އަދި ވޯލްޑް ބޭންކުގެ ލޯކަލް ޓީމުގެ ޕްރޮޖެކްޓް މެނޭޖަރ،ޑރ. އިބްރާހީމް ވަޙީދާއި އެމަނިކުފާނުގެ ޓީމުން ކުރައްވާ މަސައްކަތްވެސް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފެވެ.
