އީފާސްއަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ޚާއްސަ ހަރަކާތެއް ހުޅުމާލޭގައި ބާއްވަނީ
އީފާސްއަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް މި ހަފުތާ ބަންދުގައި ހުޅުމާލޭގައި މޮބައިލް ހެލްޕް ޑެސްކް ސެޝަން ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ވޯލްޑް ބޭންކްގެ އެހީގެ ދަށުން ހިނގަމުންދާ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (DMADD) ޕްރޮޖެކްޓުގެ އެހީތެރިކަމާ އެކު، މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް އިން ކުރިއަށްގެންދާ ހޭލުންތެރިކަމުގެ ހަރަކާތެކެވެ.
މި ހަރަކާތް ކުރިއަށް ގެންދަނީ އެޗްޑީސީއާ ގުޅިގެންނެވެ.
މި މަހުގެ 09ވާ ހުކުރު ދުވަހު ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ޕާކުގައި މި ހަރަކާތް ކުރިއަށް ގެންދާއިރު 10ވާ ހޮނިހިރު ދުވަހު ސެންޓްރަލް ޕާކް (އުރީދޫ އިމާރާތް ކުރިމަތީގައި)ވެސް މި ހަރަކާތް އޮންނާނެއެވެ. މި ދެ ދުވަހުވެސް ހަރަކާތް ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށެވެ.
މި ސެޝަނަށް ވަޑައިގަންނަވާއިރު އީފާސް އެކައުންޓްގެ ވެރިފަރާތުން އެފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ގެންދިޔުމުން ހެލްޕްޑެސްކް ޓީމުން އީފާސް ރަޖިސްޓްރީ ކުރުމާއި، ފޭސް ވެރިފިކޭޝަން ހެދުމުގެ އިތުރުން، އެކައުންޓާ ގުޅުންހުރި ސުވާލުތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އީފާސްއާ ބެހޭ މަޢުލޫމާތު ހޯދުމަށާއި، ޑިޖިޓަލް ޚިދުމަތްތައް ހޯދުމަށް އީފާސް ބޭނުންކުރާނެ ގޮތް ދަސްކުރުމުގެ ފުރުސަތު ވެސް އާންމުންނަށް މި ސެޝަންތަކުން ލިބިގެންދާނެއެވެ.
ޑީމެޑް ޕްރޮޖެކްޓް އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ދެ ހަރަކާތް ވަނީ ކާމިޔާބުކަމާއިއެކު 19 އޯގަސްޓް ގައި ކުޅުދުއްފުށި ސިޓީގައި އަދި 9 ސެޕްޓެމްބަރ ގައި ދ. ކުޑަހުވަދޫގައި ބާއްވާފައެވެ.
އެހެންކަމުން މި ހެލްޕް ޑެސްކަށް ޒިޔާރަތްކޮށް އެހީތެރިކަން ހޯދުމުގެ ފުރުސަތު ވަނީ އާންމު ރައްޔިތުންނަށް ހުޅުވާލާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، "އީފާސް" އަކީ ރައްޔިތުންގެ ޑިޖިޓަލް އައިޑެންޓިޓީ ކަށަވަރުކުރުމަށާއި، އާންމު ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ފަސޭހަ އަދި ރައްކާތެރި މަގެއް ފަހިކޮށްދޭ "ޑިޖިޓަލް ރާއްޖޭގެ ތަޅުދަނޑި"އެވެ. މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް (އެމްޑީއެސް) އިން ތަރައްޤީކޮށް ބަލަހައްޓަމުން އަންނަ މި ޕްލެޓްފޯމަކީ، އާންމު ރައްޔިތުން ޑިޖިޓަލް ޚިދުމަތްތަކާ ގުޅުވައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ނިޒާމެކެވެ.
އާދައިގެ ލޮގިން ޚިދުމަތަކަށް ވުރެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެހެން، އިތުރު ފީޗާތަކާ އެކު މި ޕްލެޓްފޯމް މިހާރު ވަނީ އިތުރަށް ފުރިހަމަކޮށްފައެވެ.
މީގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑާއި، ބަޔޯމެޓްރިކް ފޭސް ވެރިފިކޭޝަނާއި، މި ޚިދުމަތް ބޭނުންކުރާ އިދާރާތަކުގެ ޕޯޓަލްތަކަށް ޕާސްވޯޑަކާ ނުލައި ފަސޭހައިން ވަދެވޭނެ އިންތިޒާމު ހިމެނެއެވެ.
އަދި އަމިއްލަ މަޢުލޫމާތު ޚިދުމަތްދޭ ފަރާތްތަކާ ހިއްސާކުރާނެ މިންވަރު ކޮންޓްރޯލް ކުރުމުގެ އިޚުތިޔާރު ވެސް ލިބިގެންދެއެވެ. މި ކުރިއެރުންތަކުގެ ސަބަބުން ދުވަހުން ދުވަހަށް ކުރަންޖެހޭ ޑިޖިޓަލް މުޢާމަލާތްތައް އިތުރަށް ފަސޭހަވެ، ރައްކާތެރިކަން ކަށަވަރުވެގެންދެއެވެ.
އާންމު ޚިދުމަތްތައް ދިނުމުގެ ނިޒާމު ޒަމާނީކޮށް، ޑިޖިޓަލް ގޮތުން ބާރުވެރިވެފައިވާ ޤައުމެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ "މޯލްޑިވްސް 2.0"ތަސައްވުރުގެ ދަށުން، އީފާސް އިތުރަށް ހަރުދަނާކުރުމަށް މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން އާންމުންނަށް ލުއިފަސޭހަކަމާ އެކު ޚިދުމަތްތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްކޮށްދީ، މި ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ކުރަންޖެހޭ މުހިންމު މަސައްކްތްތަކެއް ދަނީ ކުރަމުންނެވެ.
-1791455226200.webp)