އައު ރިހެބިލިޓޭޝަން ސެންޓަރާއެކު ޖާގައިގެ ދަތިކަން ފިލައިގެން ދާނެ: ސްޓޭޓް ޞިއްދީޤު
ޑްރަގުގެ ފަރުވާއަށް އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ތަނުގެ ޖާގައިގެ މައްސަލަ ކަމަށާއި ނަމަވެސް އަލަށް އިމާރާތް ކުރެވޭ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާއެކު މައްސަލަ ހައްލުވާނެ ކަމަށް ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.
ކ. ހިންމަފުށީގައި ތަރައްޤީކުރާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ މި މަހުގެ 24ވަނަ ދުވަހުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް ޞިއްދީޤު ވިދާޅުވީ ޑްރަގުގެ ފަރުވާ ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި އެގޮތުން ބިންގާ އެޅިގެން ދިޔަ އިމާރާތް ނިމުމާއެކު ފަރުވާ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭނީ އެންމެ އެކަށީގެންވާ ފުރިހަމަ ފަރުވާ ކަމަށެވެ.
މި އިމާރާތް ނިމުމާއެކު ރައްޔިތުންނަށް އިހުސާސް ކުރެވޭނެ މި ސަރުކާރުން ރައްޔިތުންނަށް މަސައްކަތްތަކެއް ކޮށްދީފިކަން. ސަރުކާރުން އަމަލީ ގޮތުން މަސައްކަތް ކޮށްގެން ރައްޔިތުންނަށް އިހުސާސްވާ ކަންތައްތަކެއް ކޮށްގެން ނަތީޖާ ނެރެވޭކަން ފެންނާނެ. ސްޓޭޓް ޞިއްދީޤު
މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށްޓަކައި ވަޒީރު ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ސްޓޭޓް ވަނީ ހިންމަފުށީގައި އަލަށް ޤާއިމްކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ފެށިގެން އައީ ވަރަށް ބުރަ އަދި އެހާމެ ގޮންޖެހުންތަކާ އެކުގައި ކަމަށް ވިދާޅުވެފައެވެ.
އިރާދަކުރެއްވިއްޔާ ޒުވާނުންނަށް މިތަނުން ރަނގަޅު ފަރުވާ ލިބި، ހެޔޮލަފާ ދަރިންތަކެއްގެ ގޮތުގައި މުޖުތަމަޢަށް ނިކުތުމަކީ އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަސް. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުރާ އުންމީދެއް. ޑްރަގުގެ މައްސަލައަކީ މިޖުތަމަޢުގަ އޮތް އެންމެ ބޮޑު އެއް މައްސަލަ. މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި މިއަދު މި ފެށި ދަތުރު އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ. ސްޓޭޓް ޞިއްދީޤު
500 މީހުންނަށް އެއްފަހަރާ ފަރުވާދެވޭ ގޮތަށް ތަރައްޤީކުރާ މި އިމާރާތުގެ މަޝްރޫޢަކީ 5 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ޚަރަދު ކުރަނީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.
މި އިމާރާތުގެ ބޮަޑުބައި އަޅަން ނިންމާފައި ވަނީ، މިހާރުގެ ރިހިބިލިޓޭޝަން ސެންޓަރު ހުރި އިމާރާތް ހުރި ހުސް ބިމުގައެވެ.
އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ހިންމަފުށީ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބޭނެހެން އެކުލެވޭ ހެލްތް ފެސިލިޓީއަކާ، ސްކިލް ޑިވެލޮޕްމެންޓް އަދި ކައުންސިލިންގެ ޚިދުމަތް ލިބެން ހުންނާނެއެވެ.
ހިންމަފުށީގައި މިހާރު އިމާރާތަކީ 174 މީހުންނަަަަަށް ފަރުވާދެވޭ ފެސިލިޓީއަކަށް ވީނަމަވެސް، އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާދެވެނީ ގާތްގަނޑަކަށް 80 މީހުންނަށެވެ.
