މަގު ބޭނުންކުރުމުގެ ރަނގަޅު ސުލޫކު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަކީ މުހިންމު ކަމެއް: ވަޒީރު
ޒިންމާދާރު ގޮތެއްގައި މަގު ބޭނުންކުރުމުގެ ރަނގަޅު ސުލޫކު ދަރިވަރުންގެ ކިބައިގައި ކުޑައިރުއްސުރެ އަށަގަންނުވުމަކީ މުހިންމު ކަމެއް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އިމާދުއްދީން ސްކޫލުގައި، ކުރިއަށްގެންދާ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްގެ ހަރަކާތްތައް ބައްލަވާލައްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އަސާސީ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމާއި، ޒިންމާދާރު ގޮތެއްގައި މަގު ބޭނުންކުރުމުގެ ރަނގަޅު ސުލޫކު ދަރިވަރުންގެ ކިބައިގައި ކުޑައިރުއްސުރެ އަށަގަންނުވުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި މިފަދަ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މިހާރަށްވުރެ ހަރުދަނާކޮށް، މުޅި ރާއްޖޭގެ ސްކޫލްތަކަށް ފުޅާކުރުމަށް ވަޒީރު ބާރުއެޅުއްވިއެވެ.
ވަޒީރުގެ މި ޒިޔާރަތުގައި އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް ވަނީ މި ޕްރޮގްރާމުގެ ފައިދާއާއި ހަރުދަނާކަން ފާހަގަކުރައްވައި، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ޕްރިންސިޕަލް ވަނީ މި ހަރަކާތް އިންތިޒާމުކުރުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންވެސް ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމުގައި އެއްބާރުލުން ދެއްވި ސްކޫލުތަކަށާއި، ބައިވެރިވި މުދައްރިސުންނާއި ދަރިވަރުންނަށް ޝުކުރު އަދާކޮށްފައެވެ.
މި ޕްރޮގްރާމަކީ އިމާދުއްދީން ސްކޫލާއި، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ކޮންމެ ސްކޫލަކުން 35 ދަރިވަރުންނާއެކު، ޖުމުލަ 105 ދަރިވަރުން މި ޕްރޮގްރާމްގައި ބައިވެރިވެއެވެ.
