logo
banner image

އައު ރިހެބިލިޓޭޝަން ސެންޓަރުން ލިބޭނީ ފެންވަރު ރަނގަޅު ފަރުވާ: ވަޒީރު

އަލަށް އިމާރާތްކުރާ ރިހެބިލިޓޭޝަން ސެންޓަރު ވެގެންދާނީ ފެންވަރު ރަނގަޅު ފަރުވާ ލިބޭ ތަނަކަށް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ހިންމަފުށީގައި އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ރަނގަޅު ފެންވަރުގެ ފަރުވާ ފޯރުކޮށްދިނުމަށް މި އިމާރާތުގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ.

ޑްރަގުގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައް ފާއިތުވި ސަރުކާރުތަކުންވެސް ކޮށްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޑްރަގުގެ މައްސަލަ ފެތުރިފަވާ މިންވަރާ އަޅާބަލާއިރު ކުރެވިފައިވާ މަސައްކަތްތައް ވަރަށް ކުޑަ ކަމަށެވެ.

މިވަގުތު ރާއްޖޭގައި ޑްރަގު ފެތުރިފަ އޮތް މިންވަރަށް ބަލާފަ ދައުލަތެއްގެ ފަރާތުން އާންމު ރައްޔިތުން ޚިދުމަތަށް އެދޭ މިންވަރާ އަޅާބަލާފަ މި ޚިދުމަތް ފޯރުކޮށެއް ނުދެވޭ އެންމެ އެދެވޭ ގޮތަކަށް. އަޅުގަނޑުމެން މިވަގުތަށް މިކަން ހައްލުކުރުމަށް ބަލާއިރު އެންމެ ބޮޑަށް ބޭނުންވަނީ މަރުކަޒު ކުރެވިގެން ފަރުވާ ހޯދާ މީހުންނަށް ގަބޫލުކުރެވޭ ފެންވަރުގެ ޚިދުމަތްތަކެއް ދެވޭނެ ފެސިލިޓީއެއް ނެތުން. މިހާތަނަށް ފަރުވާގެ ކަންކަން ފޯރުކޮށްދެވެނީ އަޅުގަނޑުމެންވެސް ފަޚުރުވެރިވާ ވަރަކަށް ނޫން. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު ބޭނުންވީ ފަރުވާގެ ކަންކަމުގަ މިއޮތް ގެޕް އެއްކޮށް ފިލްކޮށް އަޅުގަނޑުމެން މަސައްކަތް ކުރާނީ އިޚްލާސްތެރިކަމާއެކީ ނަތީޖާ ނެރެވޭ ގޮތަށް. ވަޒީރު

ވަޒީރު ވިދާޅުވީ ހިންމަފުށީގައި މިހާރު ހުރި ރިހިބިލިޓޭޝަން އިމާރާތަކީ 174 މީހުންނަށް ފަރުވާދެވޭ ފެސިލިޓީއަކަށް ވީނަމަވެސް މި އަދަދަށް ކްލައިންޓުންވެސް ނުނެގޭ ކަމަށެވެ.

ހިންމަފުށީގައި ހުރި އިމާރާތަކީ ވަރަށް ބައުވެ ވީރާނާވެފައިވާ ތަނެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އަލަށް ޤާއިމްކުރާ ޑްރަގު ފެސިލިޓީން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ރަނގަޅު ފެންވަރުގެ ފަރުވާ ލިބިގެންދާނެ ކަމަށެވެ.

ޓެކްނިކަލް ފަރުވާ ދެމުން އަދި ފަރުވާ ނިމިގެންދާއިރު މި ފެސިލިޓީއަށް އަލުން އަނބުރާ ނާންނާނެ ކަމަށް އަޅުގަނޑުމެންނަށްވެސް ޔަގީންކުރެވޭ ވަރަށް ފަރުވާ ދެވިފަ މިތަނުން ނެރޭ ބަޔަކަށް ހެދުމަށްޓަކައި އެ ވަރުގެ ފެސިލިޓީއެއް މިތާ މި ޤާއިމްކުރަނީ. މަސްތުވާތަކެތި ހުއްޓުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ. މި ވިއުގަ އެކުލަވާލީ ރައީސްގެ ސީދާ އިންސްޓްރަކްޝަނާއެކު. ވަރަށް އަގު ހުރި ވަރަށް ޤައުމީ މަސައްކަތްތަކެއް ބަޔަކު ކުރައްވައިގެން މި ހިސާބަށް މިކަން އައީ. ވަޒީރު

މި މަސައްކަތަކީ ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމުގައި ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒު ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ވަޒިރު ވަނީ ހިންމަފުށީ ކައުންސިލްގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ހިންމަފުށީ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބޭނެހެން އެކުލެވޭ ހެލްތް ފެސިލިޓީއަކާ، ސްކިލް ޑިވެލޮޕްމެންޓް އަދި ކައުންސިލިންގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

ހިންމަފުށީގައި މިހާރު އިމާރާތަކީ 174 މީހުންނަަަަަށް ފަރުވާދެވޭ ފެސިލިޓީއަކަށް ވީނަމަވެސް، އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާދެވެނީ ގާތްގަނޑަކަށް 80 މީހުންނަށެވެ.

500 މީހުންނަށް އެއްފަހަރާ ފަރުވާދެވޭ ގޮތަށް ތަރައްޤީކުރާ މި އިމާރާތުގެ މަޝްރޫޢަކީ 5 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ޚަރަދު ކުރަނީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.