ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމާތް ދެމެހެއްޓުމަށް ފަސީޙު އެދިވަޑައިގެންފި
ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމާތް ދަމަހައްޓައި، އެފަރާތްތަކުގެ އިންސާނީ ޙައްގުތައް ނުގެއްލޭ ގޮތަށް މަސައްކަތް ކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙު އެދިވަޑައިގެންފިއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މިކަމަށް އެދިވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހިންގި "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޖީ ވަނީ ކަރެކްޝަންސްގެ އޮފިސަރުން މަސައްކަތް ކުރައްވަނީ ވަރަށް ކުޑަ ބަޖެޓަކާއި ވަސީލަތްތަކަކާއެކު ބުރަ ބޮޑު މަސައްކަތްތަކެއް ފާހަގަކުރައްވާފައެވެ.
ދަސްވެނިންނަށް މަރުހަބާ ދަންނަވާ ސީޖީ ވަނީ މާތްﷲ ގަންދީ ހުވާކޮށް ޔުނީފޯރމްގައި ހުރެ އެއްވެސް ގޯސްކަމެއް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
އަދި ޤައުމީ ވާޖިބު އަދާކުރުމުގައި އިޙްލާސްތެރިކަމާއި ތެދުވެރިކަމުގެ މުހިއްމުކަމާއި ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމާތް ދަމަހައްޓައި، އެފަރާތްތަކުގެ އިންސާނީ ޙައްގުތައް ނުގެއްލޭ ގޮތަށް މަސައްކަތް ކުރުމަށްވެސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އެދިވަޑައިގެންނެވިއެވެ.

ނެޝަނަލް ސެކިއުރިޓީ ސަރވިސްގެ ފުލުސް އޮފީހުގައި މަސައްކަތްކުރެއްވިއިރުން ފެށިގެން ކަރެކްޝަންސްއާ ގާތްގުޅުމެއް އޮތް ކަމަށާއި، ސިންގަޕޫރުގެ ދެ ޖަލެއްގައި މަސައްކަތްކޮށް ތަމްރީން ހާޞިލްކުރެއްވުމަށްފަހު، ރަނގަޅު ޖަލެއްގެ މުހިއްމުކަން އިހުސާސްކުރެވިގެން ފެންވަރު ރަނގަޅު ޖަލަކާއި އެތަނުގައި ރަނގަޅު ހިއުމަން ރިސޯސަސް ޤާއިމުކުރުމަށް މަސައްކަތްކުރެއްވިކަން ސީޖީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އަދި ގާމާދޫ ޖަލުގެ ހާދިސާއަށްފަހު މާފުށީގައި ހުރި އެސްޓީއޯގެ ފުށް ގުދަނެއް ޖަލަކަށް ބަދަލުކުރެވިގެން ދިޔަ ކަމަށާއި، އޭރުގެ ޖަލުތަކުގެ ހާލަތާ އަޅާކިޔާއިރު، ކަރެކްޝަނަލް އޮފިސަރުން ވަރަށް މަދު ކަމަށް ސީޖީ ވިދާޅުވިއެވެ.
ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓީ އެންއެސްއެސް އިން. އަދި އެހެން ހާދިސާއަކަށްފަހު، ބަދަލުތަކެއް އައިސް ޤާނޫނެއް ވުޖޫދުވެ، މިހާރު ތަމްރީން ހަދައިގެން ތިބި އޮފިސަރުންނާއެކު ޖަލުތަކުގެ ކަންތައްތައް ވަރަށް ބޮޑަށް ވަނީ ބަދަލުވެފަ. ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން
މިދިޔަ އޮގަސްޓް މަހުގެ 30ވަނަ ދުވަހުން ފެށިގެން މި މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމުގައި 10 އޮފިސަރުން ވަނީ ތަމްރީން ކާމިޔާބުކުރުމަށްފަހު، ވަޒީފާގެ މައިދާނާ ގުޅިފައެވެ.
މިއީ މި ތަމްރީން ޕްރޮގްރާމްގެ ތިން ވަނަ ބެޗެވެ. މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތަކާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމެވެ.
އަދި މިއީ މި ކަރެކްޝަނާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ. މި ކޯހުގެ އިތުރުން އޮފިސަރުން ތަރައްޤީކޮށް، ވަޒީފާއަށް ތައްޔާރުކުރުމުގެ ގޮތުން ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ ޕްރޮގްރާމާއި ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސުޕަރވިޝަން ޕްރޮގްރާމް ހިންގައެވެ.
