logo
banner image

އއ. ތޮއްޑޫގައި ހިންގި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށް، 107 މީހަކު ހައްޔަރުކޮށްފިއެވެ.

މިއީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑު ކަމަށް، އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުން އއ. ތޮއްޑޫއަށް އަމާޒުކޮށްގެން ޓާސްކްފޯސްއިން އިން ހިންގި ޚާއްސަ އޮޕަރޭޝަނެކެވެ.

އިއްޔެ ހެނދުނު 6:00 އިން ހަވީރު 4:00އަށް ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 507 ބިދޭސީއަކު ބަލައި ފާސްކޮށް، 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ވަނީ މާލެ ސަރަޙައްދުގައިވެސް ބިދޭސީން މޮނީޓަރކުރުމުގެ މަސައްކަތްކުރަމުންނެވެ.

"މައިގްރޭޝަން މޮނީޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް"ގެ ދަށުން ދާދި ފަހުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި އިމިގްރޭޝަންގެ އޮފިސަރުން ހަރަކާތްތެރިވެފައިވެއެވެ.

އެގޮތުން 55 ބިދޭސީއަކު ބަލާފާސްކޮށްފައިވާއިރު އޭގެ ތެރެއިން ޤަވާއިދާ ޚިލާފު އެކަކު ފާހަގަވެފައިވާތީ އޭނާ މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބިދޭސީންގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ދަނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންނެވެ. މިކަމަށް ޙައްލެއް ގެނައުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ޤަވާއިދާ ޚިލާފަށް އުޅޭ އަދި ޤަވާއިދާ ޚިލާފަށް ދިވެހީންގެ ނިވަލުގައި ތިބެ އެކި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ.

އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.