logo
banner image

6 ބިދޭސީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފި

އެއާޕޯޓުން އަތުލައިގަތް 6 ބިދޭސީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފިއެވެ.

ފުލުހުން ވިދާޅުވީ މިމަހުގެ 18ވަނަ ދުވަހު ވެލާނާ އެއާޕޯޓުން 6 ބިދޭސީއަކު އަތުލައިގަތީ ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

މި އޮޕަރޭޝަނުގައި ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގެންފައިވަނީ ސީރިއަލް ޕެކެޓެއްގައި ބަންދުކޮށްގެން ރާއްޖޭން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރުމުގެ ތެރެއިންނެވެ.

އެއާޕޯޓުން ހިފެހެއްޓި ފައިސާގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓަރލިންގ ޕައުންޑް ހިމެނޭހެން ޖުމްލަ 18 ޤައުމެއްގެ ފައިސާ ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ފައިސާގެ ޖުމްލަ އަގު ގާތްގަނޑަކަށް 3,861,415.29 އަށް އަރައެވެ.

މި މައްސަލައިގައި ހައްޔަރުކުރި 6 ބިދޭސީންނަކީވެސް ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީންނެވެ. މީގެ ތެރޭގައި ހިމެނެނީ 35 އަހަރުގެ މުޙައްމަދު މައިނުއްދީން ސަލާހު އާއި 31 އަހަރުގެ ރަޖިބް އާއި 38 އަހަރުގެ މުޙައްމަދު ޢަބްދުﷲ އާއި 37 އަހަރުގެ އަޖްގަރު މިރިދާ އާއި 28 އަހަރުގެ އެމްޑީ މޮހިއްދީން ޗޯދުރީ އާއި 46 އަހަރުގެ އެމްޑީ ޝާހިން މިއާއެވެ. މި އެންމެނަށްވެސް ކުރަނީ މަނީ ލޯންޑަރިންގެ ތުހުމަތެވެ.

މި 6 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އެންމެންގެ ބަންދަށް 10 ދުވަހުގެ މުއްދަތަށް ދީފައެވެ.