"އީފާސް"އާ ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުޑަހުވަދޫގައި ފަށައިފި
ރާއްޖޭގެ ޑިޖިޓަލް އައިޑެންޓިޓީ "އީފާސް"އާ ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ދ. ކުޑަހުވަދޫގައި ފަށައިފިއެވެ.
ކުޑަހުވަދޫ މަލްޓި ޕާރޕަސް ބިލްޑިންގގެ ލައިބްރަރީ ހޯލްގައި ފެށި މި ޕްރޮގްރާމަކީ ކުޑަހުވަދޫ ކައުންސިލް އަދި ކުޑަހުވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓާއި މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެން ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
މިއަދު ފެށި މި ޕްރޮގްރާމުގައި އީފާސްއަށް ހޭލުންތެރި ކުރުމުގެ މަސައްކަތުގެ ބައްދަލުވުން ބާއްވާފައިވަނީ ހެނދުނު 09: އިން 12:00އަށެވެ.

މި ބައްދަލުވުމުގައި ފ އަދި ދ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ކައުންސިލްތަކުގެ ޓެކްނިކަލް މުވައްޒަފުންގެ އިތުރުން އިންތިހާބު ކުރެވިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރަކާއި، ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ސަރުކާރުގެ މުއައްސަސާތަކާއި، އޮންލައިން ޚިދުމަތް ދިނުމަށް އީފާސް ބޭނުންކުރާ ވިޔަފާރިތަކާއި، އިޖްތިމާއީ ކަންކަމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ވަނީ ބައިވެރިވެފައެވެ.
މި މަސައްކަތު ބައްދަލުވުމުގެ އިތުރުން ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި ހުންނަ މެހެމާން ސަރާގައި، އީފާސްގެ މޯބައިލް ހެލްޕްޑެސްކެއް ޤާއިމްކޮށް އީފާސް އެކައުންޓް ލޮކްވުމާއި، ފޯނު ނަންބަރު ނުވަތަ އީމެއިލް ބަދަލުވުން ފަދަ އާންމުކޮށް ދިމާވާ މައްސަލަތައް ވަގުތުން ހައްލުކޮށްދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
މި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު ހަވީރު 4:00 އިން މިރޭ 9:30އަށެވެ.

އީފާސްއަކީ ސަރުކާރުގެ އެކި މުއައްސަސާތަކުން ދޭ ޑިޖިޓަލް ޚިދުމަތްތަކާއި، ޓާޝަރީ ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކާއި، އާސަންދަ، ޕެންޝަން، ބޭންކު އަދި އެހެނިހެން މާލީ ޚިދުމަތްތަކަށް އޮންލައިންކޮށް އެކްސެސް ވުމަށް ބޭނުންކުރާ ގައުމީ ޑިޖިޓަލް އައިޑީގެ ނިޒާމެވެ.
މިނިޒާމަކީ އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ގުޅިފައިވާ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީއެވެ.
މޯލްޑިވްސް ޑިޖިޓަލް ސަރވިސް އިން ތައްޔާރުކޮށް ބަލަހައްޓަމުންދާ އީފާސް ނިޒާމަކީ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމު ނިޒާމަކަށްވާތީ، އެއްވެސް ފަރުދަކަށް އީފާސް އެކައުންޓް ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދެނީ އެކައުންޓްގެ ވެރިފަރާތް ކަށަވަރުކުރުމަށްފަހުގައެވެ.
ޑީމެޑް ޕްރޮޖެކްޓް އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެން އަތޮޅު ދަތުރުގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ހަރަކާތް ވަނީ ކާމިޔާބުކަމާއިއެކު މިދިޔަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި ހިންގާފައެވެ.
މިގޮތުން ހދ އަތޮޅުގެ ސަރުކާރުގެ މުވައްސަސާތަކަށް އަމާޒުކޮށް ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި 20 މުވައްސަސާއަކުން 44 ފަރާތެއް ބައިވެރިވިއެވެ.
