logo
banner image

ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރުން: ހޮޓްލައިނަށް 65 މެސެޖު

ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް 65 މެސެޖު ލިބިފައިވާ ކަމަށް ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި މެސެޖުތަކުގައި ހިމެނެނީ ބިދޭސީ 27 މީހެއްގެ މައުލޫމާތާއި، ހުއްދަނެތި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ 18 ތަނަކާއި، ޤަވާއިގާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ 4 ތަނެއްގެ މައުލޫމާތެވެ.

އަދި މީގެ އިތުރުން މިފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު ފުލުހުންގެ ހޮޓްލައިނަށް އައިސްފައިވެއެވެ.

މި މައުލޫމާތުތަކާ ގުޅިގެން އެޅުނު ފިޔަވަޅުތަކުގެ ތެރެއިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މަޢޫލޫމާތު ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކުން ޓާސްކްފޯސްގެ އޮޕަރޭޝަން ނަންބަރު 9388733އަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ އެޕްލިކޭޝަން މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ވަނީ އަންމު ރައްޔިތުންނަށް ހުޅުވާލާފައެވެ.