ހުޅުމާލޭ 8 ތަނެއް ބަލާފާސްކޮށް 7 މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭގައި ހިންގަމުން އަންނަ ސްޕާ އަދި ސެލޫން ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އިންސްޕެކްޝަނެއްގައި 7 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޓާސްކް ފޯސް އިން ވަނީ އިއްޔެގެ ވަގުތެއްގައި ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މި ރެއިޑުގައި ހުޅުމާލޭގެ ސްޕާ އަދި ސެލޫންގެ ގޮތުގައި ހިންގާ 8 ތަނެއް ވަނީ ބަލާފާސްކޮށްފައެވެ.
އަދި މި ތަންތަނުގައި މަސައްކަތް ކުރާ 26 ބިދޭސީއަކާ ސުވާލުކޮށް ލިޔުންތައް ބެލިބެލުމުން 7 މީހަކު ރާއްޖޭގައި މަސައްކަތް ކުރަމުންދަނީ ޤަވާއިދާ ޚިލާފަށްކަން ވަނީ ދެނެގަނެވިފައެވެ.
މި 7 މީހުންވެސް މިހާރު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ބިދޭސީންގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ދަނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންނެވެ. މިކަމަށް ޙައްލެއް ގެނައުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ޤަވާއިދާ ޚިލާފަށް އުޅޭ އަދި ޤަވާއިދާ ޚިލާފަށް ދިވެހީންގެ ނިވަލުގައި ތިބެ އެކި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ.
އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
