logo
banner image

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމަށް މި މަހު 8 ވަނަ ދުވަހު ވެމްކޯ ހުޅުމާލެ ސްޓޭޝަނުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިއުނިކޭޝަން އެންޑް ކޯޑިނޭޝަން ސެންޓަރުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީއެވެ.

މި ރަސްމިއްޔާތުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމުގެ މުހިންމުކަމާއި ބައިވެރިންނަށް އުނގަންނައިދިން މައުލޫމާތު އަމަލީ މައިދާނުގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކަކީ ކޮންމެ ފަރުދަކު ވެސް އަމަލުކުރަންޖެހޭ ގަވާއިދުތަކެއްކަން ފާހަގަކުރައްވައި، މިފަދަ ޕްރޮގްރާމުތައް ހިންގުމުގައި މުއައްސަސާތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ އެވެއަރނެސް އެންޑް ޕްރިވެންޝަނާއި، ވެމްކޯ އެކަޑަމީ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ވެމްކޯގެ 83 މުވައްޒަފުން ބައިވެރިވިއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އޮގަސްޓު 31 އިން މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އެއްގަމު ދަތުރުފަތުރުގެ އާންމު ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި، ޑްރައިވަރުން އުުޅަނދު ދުއްވާއިރު އަދި ދަތުރަށް ތައްޔާރުވުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، 2026 އޮގަސްޓް 31 ވަނަ ދުވަހު ގެޒެޓްކޮށް 30 ދުވަސް ފަހުން އަމަލުކުރުމަށް ހަމަޖެހިފައިވާ އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު: 16/2026) އަށް އަހުލުވެރިކުރުވުމުގެ ގޮތުން، ގާނޫނުގެ މުހިންމު ބައިތައް ވެސް ޕްރޮގްރާމުގައި ކިޔައިދީފައިވެއެވެ.