logo
banner image

ފުލުހުންގެ އިންޓަރގްރިޓީއަކީ މުއައްސަސާއާމެދު ރައްޔިތުން ކުރާ އިތުބާރު: ވަޒީރު

ފުލުހުންގެ އިންޓަރގްރިޓީ އާއި ވަކި ފަރާތަކަށް ނުޖެހި ޤާނޫނޫ ތަންފީޒު ކުރުމަކީ ފުލުހުންގެ މުއައްސަސާ ރައްޔިތުން ބަލައިގަންނާނެ މުހިންމު ސިފަތަކެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ފާއިތުވި 22 އަހަރު ދުވަހުގެ ތެރޭގައި ފުލުހުންނަށް އެންމެ ބޮޑު ތަސައްލީއެއް ލިބެންވާނީ ރައްޔިތުން ފުލުހުންގެ މުއައްސަސާއާމެދު ދެކޭ ގޮތް ކަމަށެވެ.

އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ޕްރޮފެޝަނަލިޒަމްއަކީ އޮންނަ ޑިސިޕްލިންއަކީ އަދި ކޮންމެ ފުލުހެއްގެ އިންޓަރގްރިޓީއަކީ އެއްވެސް ފަރާތަކަށް ނުޖެހި ޤާނޫނު ތަންފީޒު ކުރަމުންދާ ދިޔުމަކީ އަޅުގަނޑުމެންގެ ތެރޭގައި ދިވެހި ރައްޔިތުން ބަލައިގަންނާނެ ސިފަތައް. މިދެންނެވި ބީދާއިން ނޫން ގޮތަކަށް ކަންތައްތައް ދާނަމަ އެކަންތައްތައްވެސް ރައްޔިތުންނަށް ފެންނާނެ. ވަޒީރު

ވަޒީރު ވަނީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަންކަމާއި އަދި ލިބިފަ އޮންނަ ބާރެއްގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމަށް ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއަށް ސަލާމަތީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިންމު ޒިންމާ އުފުލާ ބަޔަކީ ފުލުހުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޤައުމީ ޒިންމާ އުފުލުމުގަ ފުލުހުން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ.

އަޅުގަނޑުމެންގެ ކޮންމެ އޮފިސަރަކު މަގުމަތީގަ ކުރަމުން ގެންދާ ބުރަ އަދި ޤައުމީ ޚިދުމަތަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ވަބާތައް ހައްލުކުރުމުގެ މުހިންމު ވާޖިބު. މަގުތަކަކީ އަމާންކަމާއެކު ދުއްވާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ހެދުމުގެ މުހިންމު ވާޖިބު. ވަޒީރު

ނެއިބަރހުޑު ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކަށް ތައުރީފްކުރައްވާ ވަޒީރު ވިދާޅުވީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި މާރާމާރީތައް ހިނގައި މީހެއްގެ ފުރާނާ ގެއްލިގެންގޮސްފައިނުވަނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުން ކަމަށެވެ.

ވަޒީރު ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ ޤައުމީ މަސައްކަތުގައި ފުލުހުން އަދާކުރައްވާ ދައުރު ފާހަގަކުރައްވާ އެ މަސައްކަތުގައި ހަރަކާތްތެރިވާ ފުލުހުންނަށް ޝުކުރުއަދާކުރައްވާފައެވެ.