'އޯޕަން ޑޭ' ކާމިޔާބުކަމާއެކު ނިންމާލައިފި
ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް އާއި ސެއިލްސް (SAILS) ޕްރޮޖެކްޓް ގުޅިގެން ކުރިއަށްގެންދިޔަ "އޯޕަން ޑޭ" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ވަޒީފާގެ ބާޒާރަށް މީހުން ނެރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތް ބޭއްވީ ވިލާ ކޮލެޖުގެ ހޯލުގައި މިއަދު މެންދުރުފަހު 2:00 އިން ހަވީރު 5:00އަށެވެ.
މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، އެޕްރެންޓިސްޝިޕް އަދި ކެރިއަރ ކުރިއެރުވުމަށް ޒުވާނުންނަށް ހުރި ފުރުޞަތުތައް ބަޔާންކޮށްދީ، އެ ފުރުޞަތުތަކުގެ ބޭނުން ފަސޭހަކަމާއެކު ހިފޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
މި އޯޕަން ޑޭގެ ތެރެއިން 27 ވަޒީފާގެ 27 ފުރުސަތާއި، 13 އެޕްރެންޓިސްޝިޕް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގައި ބައިވެރިވުމަށް 58 ފަރާތަކުން ރަޖިސްޓްރީކުރިއިރު، ހުޅުވާލެވުނު 27 ވަޒީފާއަށް ވަގުތުން އިންޓަވިއު ކުރުމާއި ސީވީ ސްކްރީން ކުރުމުގެ ފުރުޞަތު ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
މީގެއިތުރުން، ސެންޓާރާގެ ރެކްރޫޓްމަންޓް ޓީމާއި އެޗް.އާރް މަންދޫބުންނާ ބައްދަލުކޮށް، ދާއިރާއާ ގުޅޭ މުހިންމު މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ލިބިގެންދިޔައެވެ.

ހަމައެއާއެކު، ސެންޓާރާގެ މުވައްޒަފުންނަށް ލިބޭ ޢިނާޔަތްތަކުގެ މަޢުލޫމާތު ހިއްސާކުރުމާއި، ދާއިރާގެ ތަޖުރިބާކާރުންނާއެކު ކުރިއަށްގެންދިޔަ ޚާއްޞަ ޕެނަލް ޑިސްކަޝަން އަދި ސުވާލާއި ޖަވާބުގެ ސެޝަންތައްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތުގައި ރާއްޖޭގައި ހިންގަމުން އަންނަ ސެންޓާރާގެ 4 ރިސޯޓަކުން ބައިވެރިވެފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ:
• މައްޗަފުށި އައިލެންޑް ރިސޯޓް އެންޑް ސްޕާ
• ސެންޓާރާ ރަސް ފުށި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
• ސެންޓާރާ ގްރޭންޑް ލެގޫން މޯލްޑިވްސް
• ސެންޓާރާ މިރާޖް ލެގޫން މޯލްޑިވްސް
މި އޯޕަން ޑޭއަށް ގިނަ އަދަދެއްގެ ޒުވާނުންނާއި ވަޒީފާއަށް އެދޭ ފަރާތްތަކުން ޒިޔާރަތްކޮށްފައިވެއެވެ.
