ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
ފުލުހުންގެ މުއައްސަސާއިން ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް ކަމަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
މަގާމުގެ ކުރިއެރުން ލިބުނު ފުލުހުންނާ މުހާތަބުކުރައްވައި ކޮމިޝަނަރ ވިދާޅުވީ، ރޭންކެއް ބަދަލުވެގެން ދިއުމަކީ އިއްޔެ ކުރި މަސައްކަތަށްވުރެ ބޮޑަށް ފަރުވާތެރިވެ، އިތުރު ހަރުފަތެއްގެ ޒިންމާ އުފުލަންޖެހޭ ކަމެއް ކަމަށެވެ.
އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ފުލުހުންގެ އަހުލާގީ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، އަހުލާގަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނު ތަންފީޒްކުރާ އެންމެ އިސް މުއައްސަސާގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ އަސާސީ ސިފައެއް ކަމަށެވެ.
މިތަނުގައި އެންމެ ފުރަތަމަ ފެންނަން ޖެހޭނެ އަސާސީ ސިފައަކީ މަސައްކަތްކުރަން ތިބި ބައެއްގެ އަހުލާގު. އަހުލާގެއް ނެތިއްޔާމު ދެން މިތަނުގައި އަޅުގަނޑުމެންނަށް ނުކުމެ ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ވެސް ނޯންނާނެ. އަދި ގާނޫނު ތަންފީޒުކުރަން ހަވާލުކޮށްފަ، ގާނޫނާ އެއްގޮތަށް ކަންކަން ތަރުތީބުކުރަން ހުންނަ މީހެއްގެ ކިބައިގައި އެ ސިފަ ނެތި، އޭނައަށް މީހެއް ކައިރީގައި ރަނގަޅުކުރަން ކަމެއް ބުނުމުގެ ހައިސިއްޔަތެއް ވެސް ނެތް. ކޮމިޝަނަރ
ހަމައެއާއެކު، ފުލުހެއްގެ ގޮތުގައި ހުވާކޮށްގެން ހުރެ ރިވެތި އަހުލާގު ހިފެހެއްޓުމުގައި ދެމިނުހުރެވޭނެ ކަމަށް އިހުސާސްވާނަމަ، މުއައްސަސާއަށް ހުތުރު ނަމެއް ލިބޭނެ ފަދަ ކަންކަމަށް އަރައިގަތުމުގެ ބަދަލުގައި، މުއައްސަސާއިން އަމިއްލައަށް ވަކިވެގެން ދިއުމަކީ އެ ފުލުހަކަށާއި މުއައްސަސާއަށް ވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ވިދާޅުވެ ކޮމިޝަނަރ ވަނީ މެސެޖެއް ދެއްވާފައެވެ.
ފުލުހުންގެ ޔުނިފޯމު އެޅުމުގެ މިންގަނޑުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަނަރ ފާހަގަކުރެއްވީ، ޔުނިފޯމަކީ ހަމައެކަނި ހާއްސަ ޖަލްސާތަކަށް ޒީނަތްތެރިކޮށް އަޅަން އޮންނަ އެއްޗެއް ނޫން ކަމަށެވެ. ރައްޔިތުންނާ ބައްދަލުވާ ކޮންމެ ދުވަހެއްގެ ޑިއުޓީގައި ވެސް ޔުނިފޯމަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް ދީ، ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް ފުރިހަމައަށް ޔުނިފޯމު އެޅުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނަށްޓަކައި އަދާކުރެވޭ މުހިންމު ގާނޫނީ ވާޖިބެއްކަން ފާހަގަކުރައްވައި، އޮޕަރޭޝަނަލް ދާއިރާތަކުގައާއި އިދާރީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުން ވެސް ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކޮމިޝަނަރ ބާރުއެޅުއްވިއެވެ.
އަދި ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތަކާއި ފާޑުކިޔުންތަކަކީ ހިދުމަތް އިތުރަށް ރަނގަޅުކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކި، އެކަންކަން ދެނެގަނެ ހައްލުކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އިސްކަންދަރު ބިލްޑިންގުގައި ބޭއްވި މި ރަސްމިއްޔާތުގައި، މުވައްޒަފުންނަށް ހައްގުވާ މަގާމުގެ ކުރިއެރުމާއި، ކުލައާއި މެޑަލް ފަދަ ޝަރަފުތައް ދިނުމުގައި ލީޑަރޝިޕުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާ ކަމުގެ ޔަގީންކަން ކޮމިޝަނަރ ދެއްވިއެވެ. އެގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ޝަރުތު ހަމަވާ އެއްވެސް މުވައްޒަފެއްގެ ހައްގެއް ނުހިފަހައްޓައި ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޖުމްލަ 331 އޮފިސަރަކަށް މަޤާމުގެ ކުރިއެރުން ދިނުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅައެއްބައި ފުލުހުންނަށް މަގާމުގެ ކުރިއެރުން ހަވާލުކުރީ މި ރަސްމިއްޔާތުގައެވެ.
އަދި އަތޮޅުތަކުގައި ހިދުމަތްކުރާ ފުލުހުންނަށް އެ ސަރަހައްދުތަކުގައި މަގާމުގެ ކުރިއެރުން ހަވާލުކުރުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރގެ ވާހަކަ ނިންމަވާލެއްވީ، މަގާމުގެ ކުރިއެރުން ލިބުނު ފުލުހުން އިއްޔެއަށްވުރެ މިއަދު މަސައްކަތަށް ދޭ އަހައްމިއްޔަތުކަން އިތުރުކޮށް، ވެރިންނަށާއި މުއައްސަސާއަށް އިހުތިރާމްކޮށް، ރިވެތި އަހުލާގުގެ މަތީގައި ތިބެ ގައުމީ ހިދުމަތުގައި ދެމިތިބުމަށް އެދިވަޑައިގަންނަވަމުންނެވެ.
