logo
banner image

ސައިބަރ ކުށްތަކުން ރައްކާތެރިކުރުވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް މިލަންދޫގައި ހިންގައިފި

"ސައިބަރ ކްރައިމް އެވެއަރނެސް" ގެ ނަމުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. މިލަންދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ އިންޓަނެޓާއި ޑިޖިޓަލް އެކި ވަސީލަތްތައް ބޭނުންކުރުމުގައި ރައްކާތެރިވުމަށް އަހުލުވެރިކުރުވުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ސައިބަރ ކްރައިމް ސެންޓަރާއި، މިލަންދޫ ފުލުހުންނާއި، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ އިންޓަނެޓްގެ ޒަރީއާއިން ހިންގާ އެކި ކުށްތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ޑިޖިޓަލް ދުނިޔޭގައި އަމިއްލަ މައުލޫމާތާއި ފައިސާގެ ރައްކާތެރިކަން ދަމަހައްޓާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމަށް މިލަންދޫގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން، ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި، ބެލެނިވެރިންގެ އިތުރުން ރަށުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުން މި ސެޝަންގައި ބައިވެރިވެ މައުލޫމާތު ހޯދާފައިވެއެވެ.

މިފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަކީ ޓެކްނޮލޮޖީގެ ކުރިއެރުމާއެކު އަންނަ ނުރައްކާތަކުން މުޖުތަމައު ސަލާމަތްކުރުމުގެ މަގުސަދުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އިސްނަގައިގެން ކުރިއަށް ގެންދެވޭ ޕްރޮގުރާމްތަކެކެވެ.