"މަސްތުވާތަކެއްޗާ ގުޅުންހުރި ފައިސާގެ 25 މައްސަލައެއްގެ ތަހުގީގު ކުރިއަށް އެބަދޭ"
މަސްތުވާތަކެއްޗާ ގުޅުންހުރި ފައިސާގެ 25 މައްސަލައެއްގެ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.
މިކަން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހާމަކުރީ މި މަހުގެ 11ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑްރަގް އެންފޯސްމަންޓުން ވަނީ، މަސްތުވާތަކެތީގެ ނެޓްވޯކްތައް ހިންގާ ފަރާތްތަކާއި އެކަމަށް ފަންޑުކުރާ ފަރާތްތައް ހޯދުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން، މަސްތުވާތަކެއްޗާ ގުޅުންހުރި ފައިސާގެ 25 މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދާކަމަށާއި، ނެޓްވޯކްގެ ގޮތުގައި ހަރަކާތްތެރިވާ 3 މައްސަލައެއް ބަލަމުންދާކަން ވަނީ ހާމަކޮށްފައެވެ. ތަފާސްހިސާބުތަކުން ފެންނަ އަދަދުތަކަކީ ސީދާ ކުށްކުރާ މިންވަރު އިތުރުވުންކަމަށް މާނަނުކުރުމަށް ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު މުސްލިމް އެދިލެއްވިއެވެ.
ސަބަބަކީ، އޮޕަރޭޝަނަލް މަސައްކަތްތަކާއި ތަހުގީގު އަމާޒުތައް ވަގުތާއި ހާލަތަށް ބަލައި މުރާޖައާކޮށް ބަދަލުގެންނަމުންދިއުމާ ގުޅިގެން ތަފާސްހިސާބުތަކާއި ކާމިޔާބު އޮޕަރޭޝަންތަކުގެ އަދަދުތަކަށް ބަދަލުތައް އަންނާނެތީ. މި މައްސަލަތަކުގައި ޝާމިލުވާ 116 ބިދޭސީއަކު ޑީޕޯޓުކުރުމުގެ އިޖުރާއަތްތައް ކުރިއަށްގެންދިއުމަށް މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފަ. އަދި ފަރުވާއަށް ބޭނުންވާ 37 މީހަކަށް ފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމާގުޅުންހުރި އިދާރާތަކާ ވަނީ ހަވާލުކޮށްފަ. ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު މުސްލިމް
މީގެ އިތުރުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހުގެ ދަށުން ލިބިދީފައިވާ ބާރުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ގޮތުގައި ފާހަގަކުރެވުނު މާލޭގެ 6 ތަނެއް ވަނީ ބަންދުކޮށްފައެވެ.
އެ ތަންތަނަކީ މ. ގުންޒަރު، މ. ތަރިވިލާގެ، މ. އަމީރާމަންޒިލް، މ. ސެވަން އެންޑް ހައުސް، މ. ކަނޑުފިނިގެ، އަދި މ. ލޭންޑްއޮފްގާޑަންއެވެ.
ގާނޫނީގޮތުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި ތަންތަން މޮނިޓަރކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އިންޓެލިޖެންސަށް ބިނާކޮށް ހިންގޭ އޮޕަރޭޝަންތަކާއި، ފައިސާގެ ތަހުގީގުތައް ގުޅުވާލައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ މި މަސައްކަތްތަކަކީ، މަސްތުވާތަކެތީގެ ނެޓްވޯކްތައް ރޫޅާލައި، އެކަމުގެ އަސްލު ނައްތާލުމަށް ފުލުހުން ގެންގުޅޭ ސްޓްރެޓީޖިކް އަމާޒުގެ ތެރެއިން ކުރިއަށްދާ މަސައްކަތްތަކެކެވެ.
