ޤަވާއިދާ ޚިލާފު މާލީ މުއާމަލާތްތަކާއި ގުޅޭ އައިވީއެލްޕީ ޕްރޮގްރާމެއްގައި ފުލުހެއް
"އައިވީއެލްޕީ އޮން ޑިމާންޑް ޕްރޮޖެކްޓް އޮން ކައުންޓަރިންގ އިލިސިޓް ފައިނޭންސް އެންޑް ޑްރަގް ޓްރެފިކިންގ" ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
މިއީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި މަހުގެ 17 އިން 28ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގައި ކުރިއަށްދާ މި ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތް ތަމްސީލުކުރައްވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފެވެ.
މި ޕްރޮގްރާމަކީ، ބޯޑަރު ހުރަސްކޮށް ހިންގާ މަސްތުވާތަކެތީގެ ވިޔަފާރިއާއި، މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ޕްރީކަރސަރ ކެމިކަލްސް އެތެރެވުން ހުއްޓުވުމުގައި ގެންގުޅޭ އެންމެ ފަހުގެ އުސޫލުތަކާއި އުކުޅުތަކަށް އަހުލުވެރިކުރުމަށް ހިންގޭ ޕްރޮގްރާމެކެވެ.
މީގެއިތުރުން، މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފު މާލީ މުއާމަލާތްތަކާ ގުޅޭ މައްސަލަތައް ތަހުގީގުކުރުމާއި ދައުވާކުރުމުގައި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް މި ޕްރޮގްރާމުގައި އަލިއަޅުވާލެވޭނެއެވެ.
މިފަދަ ބައިނަލްއަގުވާމީ ޕްރޮގްރާމުތަކުގައި ބައިވެރިވުމަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި ގުޅުންހުރި މާލީ ކުށްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ގާބިލުކަން އިތުރުކޮށް، ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.
