ހިންމަފުށީގައި އައު ކަރެކްޝަނަލް ފެސިލިޓީއެއް ޤާއިމުކުރުމަށް ބަޖެޓް ވަނީ ހަމަޖެހިފަ: ވަޒީރު
ކ. ހިންމަފުށީގައި އައު ކަރެކްޝަނަލް ފެސިލިޓީއެއް ޤާއިމުކުރުމަށް ބަޖެޓް ހަމަޖެހިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލޭ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވަނީ ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ހެލްތް އިންޝުއަރަންސް ސްކީމް ރަނގަޅުކޮށްދެއްވާނެ ކަމަށާއި، އޮފިސަރުންނާއި މުވައްޒަފުންނަށް ލިބެންޖެހޭ މަޤާމުގެ ކުރިއެރުންތައް ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ސަރުކާރުގެ ސްކީމްތަކުން ކަރެކްޝަންސްއަށް ބޯހިޔާވެހިކަން ލިބޭނޭ ފުރުސަތު ހޯދައިދެއްވާނެ ކަމަށާއި، ސަރުކާރުން މާލެ ސަރަޙައްދުގައި އަދި ކ. ހިންމަފުށީގައި އައު ކަރެކްޝަނަލް ފެސިލިޓީއެއް ޤާއިމުކުރުމަށް ބަޖެޓް ހަމަޖައްސަވައި ދެއްވާފައިވާކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ވަޒީރު ޢަލީ އިޙްސާންއެވެ. ވަޒީރުގެ އިތުރުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް އަލްއުސްތާޛް ޝުއައިބު ޢަބްދުއްރަހްމާންވެސް ބައިވެރިވެވަޑައިގަތެވެ.
އަދި އިންސްޕެކްޓަރ އޮފް ކަރެކްޝަންސް އަލްއުސްތާޛާ ޢާޝަޔަތު ޝިޢުނާ އާއި ޖަލުތަކުގެ ޑިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
