logo
banner image

ތިނަދޫގައި އަލަށް އިމާރާތް ކުރާ މަރުކަޒާއެކު މީހުން ހައްޔަރުކުރުމުގަ ހުރި ގޮންޖެހުންތައް ކުޑަވާނެ: ސީޕީ

ތިނަދޫ ސިޓީގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ނިމުމުން ހައްޔަރުކުރެވޭ މީހުން ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިފަދައިން ވިދާޅުވީ ތިނަދޫ ސިޓީގައި މަސައްކަތްކުރައްވާ ފުލުހުންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ އަލަށް އިމާރާތްކުރާ މަރުކަޒުގެ މަސައްކަތް ނިމުމުން، މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ހައްޔަރުކުރެވޭ މީހުން ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ގެ އިތުރުން، ތަޖުރިބާކާރު، ހިދުމަތުގައި ދުވަސްވީ ފުލުހުންގެ ފަރާތުން އަލަށް ހިދުމަތާ ގުޅިފައިވާ ފުލުހުންނަށް ކަންކަން ދަސްކޮށްދީ، ނަމޫނާ ބަޔަކަށް ވުމަށް ކޮމިޝަނަރ އެދިލެއްވިއެވެ.

އަދި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރަންވީ ގޮތާއި، މަސައްކަތުގެ ވައްޓަފާޅި އާއި އަޙްލާގީ މިންގަނޑުތައް ހިފެހެއްޓުމާ ގުޅޭގޮތުން ކޮމިޝަނަރ އިރުޝާދު ދެއްވިއެވެ.

މީގެ ކުރިން އެ ރީޖަންގައި މަސައްކަތްޕުޅު ކުރެއްވި ދުވަސްތަކުގެ ހަނދާންތައް އާކުރައްވަމުން، އޭރުގެ ހާލަތާއި މިހާރުގެ ހާލަތަށް ބައްލަވައި، ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ރައްޔިތުން އުންމީދުކުރާ ފަދަ ނަތީޖާއެއް ނެރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ކޮމިޝަނަރ ހިތްވަރު ދެއްވިއެވެ.

މި ޒިޔާރަތުގައި ތިނަދޫ ސިޓީގައި އަލަށް އިމާރާތްކުރަމުންދާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ގޮސްފައިވާ ހިސާބު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ބައްލަވައިލެއްވިއެވެ.

އަދި މަސައްކަތައް އަވަސް ކުރެއްވުމަށް ކުރެވެންހުރި ކަންތައްތަކާ ގުޅޭގޮތުން ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ކްރައިމް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދާއި ސައުތު ޕޮލިސްގެ ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.