logo
banner image

ނާޒުކު ހާލަތްތަކުގައި ތިއްބަވާ ފަރާތްތަކުގެ ޒާތީ މައުލޫމާތަކީ ރައްކާކުރެވިފައިވާ މައުލޫމާތުތަކެއް: އިޙްސާން

ނާޒުކު ހާލަތްތަކުގައި ތިއްބަވާ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު ކުރާ މުއާމަލާތްތަކަކީ ވަރަށް ބޮޑަށް ރައްކާކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމ،ް ވަޒީރާ ކުރެއްވި ސުވާލުގައި ވަނީ އެޕްރީލް 23ވަނަ ދުވަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ،ި ނިޔާވި ދަރިވަރަކު ފުލުހުންގެ ވިކްޓިމް ސަޕޯޓް ސަރވިސްއާ ދެމެދު ބަދަލުކޮށްފައިވާ ޒާތީ މެސެޖުތައް ހާމަކުރުމުގެ ޤާނޫނީ އިޚްތިޔރުާ ސަރުކާރުގެ އިސްވެރިންނަށް ލިބިވަޑައިގަންނަވަނީ ކޮން އުސޫލަކުންތޯ؟ އަދި ފުލުހުން އިހުމާލުވި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، ހާލަތު ހުރިގޮތުން އެ މަޢުލޫމާތު ހާމަކުރަން މިނިސްޓަރަށް މަޖުބޫރުވީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވުމާއެކު، ފުލުހުންނަށް ތުހުމަތުކުރެވޭ ކޮންމެ މައްސަލައެއްގައިވެސ،ް މިފަދަ ނާޒުކު ޒާތީ މަޢުލޫމާތުތައް ޢާންމުކުރުމަކީ މިނިސްޓްރީގެ ސިޔާސަތުތޯ؟އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ކޮންމެ ރައްޔިތެއްގެ ޒާތީ މައުލޫމާތަކީ ރައްކާތެރި ކުރެވިފައިވާ މައުލޫމާތެއް ކަމަށާއި ވަކިން ޚާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިއްބަވާ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު ކުރާ މުއާމަލާތްތަކަކީ ވަކިން ބޮޑަށް ރައްކާކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

ތި އިޝާރާތް ކުރެއްވި ހާދިސާއަށް ފަހުން ރައްޔިތުންގެ މެދުގަ އަދި މީސްމީޑިއާގަ ދޮގު މައުލޫމާތު ފެތުރިގެންދިޔަ. ދޮގު މައުލޫމާތުގެ އެންމެ ބޮޑު އަސާސަކީ ރައްޔިތުންގެ ތެރެއިން ނާޒުކު ހާލަތެއްގައި ހުރި ކުއްޖަކު ފުލުހުންގެ އެހީތެރިކަމަށް އެދުމުން ފުލުހުން އެކަމަށް އަޅާނުލައި ދޫކޮށްލީ ކަމަށް ބުނެ ބޮޑެތި އިލްޒާމުތަކެއް އެޅުވިގެންދިޔަ. މިއީ ވަރަށް ބޮޑު އިލްޒާމުތަކެއް. ފުލުހުންގެ މުއައްސަސާއަކީ ކޮންމެ ރައްޔިތަކު އަބަދުމެ ޙިދުމަތަކަށް އެދޭ ރައްޔިތުންނަށް 24 ގަޑިއިރު ޚިދުމަތްދޭ މުއައްސަސާއެއް. ޚާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކީ ޙިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން އޮންނަ މުއައްސަސާއެއް. އެ ޔަގީންކަން ގެއްލުވާލަން އެ ދުވަހު ރޭވިގެން ހަރަކާތެއް އެ ގެންދިޔައީ. އަޅުގަނޑަށްވެސް ޤާނޫނުން ވަކި ޒިންމާތަކެއް އެބަވޭ މަތިކޮށްފަ. އިޙްސާން

މިފަދަ ކޮންމެ ހާދިސާއެއްގެ ހެކީގެ މައުލޫމާތު ނުދީފިނަމަ އެ މައުލޫމާތެއް އޮޅުވާލާ ކަމުގެ ތުހުމަތު ކުރާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް މި ދެންނެވި ދުވަހު އަޅުގަނޑުމެންނަށް މަޖުބޫރުވި ފުލުހުންގެ ޚިދުމަތުގެ އެ ސާވިސް، ކޮންމެކަމެއް ނޫން، ދިވެހި ފުލުހުންގެ އިތުބާރާއި ގުޅޭ ކޮންމެ ކަމެއްގައި މައުލޫމާތެއް ހާމައެއްނުކުރާނެ. އެހެންނަމަވެސް މިފަދަ ނާޒުކު ހާލަތްތަކުގައި ދިވެހި ރައްޔިތުން ކޮންމެހެން ޚިދުމަތަށް އެދޭކަމަކަށްވާތީ އަޅުގަނޑުމެންނަށް މަޖުބޫރު އެ ޚިދުމަތުގެ އަގު ހިފަހައްޓަން. އެހެންނަމަވެސް ކުރިއަށްއޮތްތާގައި މިފަދަ ހާލާތްތަކުގައި ރައްޔިތުންގެ މައުލޫމާތު މިގޮތަށް ހާމަކުރަންޖެހޭ މިންގަޑަށް ހާމަކުރާއިރުވެސް ވަރަށް ކޯޝަން އިސްކުރާނަން. އިޙްސާން

ޑޭޓާ ޕްރައިވަސީ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްތައް މެއި މަހުގެ ތެރޭގައި ފަށާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ ގާނޫނު ވުޖޫދުވުމުން މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކުރެވިގެންދާނެ ކަމަށެވެ.