ބޮޑެތި ކުށްތަކާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ހާއްސަ ތަމްރީނުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ހާއްސަ ތަމްރީނުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ އަލްޤަޙްތާނީއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުކުރެއްވުމަކީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ތަމްރީނުގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންނެވެ.
އެގޮތުން، ކިންގް ފަހުދު ސެކިއުރިޓީ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމާއި، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަހުގީގުގެ ދާއިރާ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ހާއްސަ ތަމްރީނުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގުގައި އެކުގައި މަސައްކަތް ކުރެވިދާނެ އައު ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ހިޔާލު ބަދަލުކޮށްފައިވެއެވެ.
