logo
banner image

ހިންމަފުށީގައި ދިރިއުޅޭ ބިދޭސީން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ހިންގައިފި

ކ. ހިންމަފުށީގައި ދިރިއުޅޭ ބިދޭސީން ކުށުން ރައްކާތެރިކޮށް، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 5 ވަނަ ދުވަހު ހިންމަފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެ ރަށުގައި ދިރިއުޅޭ ބިދޭސީން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވައި މަގުމަތީގައި އުޅޭއިރު ރައްކާތެރިކަން ކަށަވަރުކުމަށް ބާރުއެޅުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި ބިދޭސީން ދިރިއުޅޭ ތަންތަނާއި، ކޮންސްޓްރަކްޝަން ސައިޓްތަކާއި، ވިޔަފާރި، ހޮޓާ،ކެފޭ ފަދަ ތަންތަނަށް ޒިޔާރަތްކޮށް 122 ބިދޭސީންނަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ބޭރު ގައުމެއްގެ ލައިސަންސް އޮތް ނަމަވެސް، ރާއްޖޭގެ ލައިސަންސް ހޯދުމަށް އަމަލީ (ޕްރެކްޓިކަލް) ޑްރައިވިންގ ޓެސްޓެއް ބިދޭސީން ހަދަން ޖެހޭނެކަމަށާއި، ދިވެހި ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ދިވެހިންނެކޭ އެއްފަދައިން 10 އަހަރުގެ ދާއިމީ ލައިސަންސް ލިބޭނެ ކަމަށް ބުނެދީފައިވެއެވެ.

އަދި ހުއްދަކުރެވިފައިވާ ގައުމުތަކުގެ ސައްހަ ލައިސަންސް އޮންނަ ފަރާތްތަކަށް ރާއްޖެ އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 90 ދުވަހަށް އެ ކެޓަގަރީއެއްގެ އުޅަނދު ދުއްވޭނެކަމާއި އުޅަނދު ދުއްވާއިރު، ފަސޭހައިން ފެންނާނޭހެން ޕާސްޕޯޓް ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ލައިސަންސް ކާޑު އޮންނަން ޖެހޭނެކަމަށް ބުނެދީފައިވެއެވެ.

އޭގެ އިތުރުން، އެއްގަމު އުޅަނދު ދުއްވާއިރު އަބަދުވެސް މަގުގެ ވައަތްފަޅި ބޭނުންކުރުމަށާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، ބައިސްކަލު ދުއްވާނަމަ ބައިސްކަލު ބުރަކި ރަނގަޅުތޯ ބެލުމަށާ އަދި އިރުއޮއްސި 6:00 އިން ފަތިހު 6:00 އަށް ބައިސްކަލު ދުއްވާނަމަ ބައްތި ދިއްލައިގެން ދުއްވުމަށް ބުނެދީފައިވެއެވެ.

އަދި ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށާއި އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދުތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއަކަށް ހެދުމަށް ނަސޭހަތްތެރިވެފައިވެއެވެ.