ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފި
ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މި ތަކެތި ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ރީޖަނަލް ސެކިއުރިޓީ އޮފިސަރު މިހްޔާރު އަލް ނިފައިދީއާއި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ރާއްޖޭގެ ހެޑް އެންރިކޯ ބޮނިންސެގްނާއެވެ.
މި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގެޒެކެޓިވް ބައެއް އޮފިސަރުންނާއި ޔޫ.އެން.އޯ.ޑީ.ސީގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒް އަށާއި ޔޫ.އެން.އޯ.ޑީ.ސީއަށް ޝުކުރުއަދާކުރެއްވިއެވެ.

އަދި މިއަދު މި ހަވާލުކުރެވިގެންދިޔަ ޑްރަގް ޓެސްޓް ކިޓްތަކާއެކު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތްތައް އަވަސްވެ އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ތަހުގީގުތަކަށް އިތުރުކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
މިއަދު މި ހަވާލުކުރެވިގެންދިޔަ 150 ޑްރަގް ޓެސްޓް ކިޓަކީ އަވަސް އަދި އިތުބާރު ހުރި ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކިޓްތަކެކެވެ. މީގެ ސަބަބުން ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހައިން ދެނެގަނެވި، ފުލުހުންގެ އޮޕަރޭޝަންތަކަށާއި ތަހުގީގުގެ މަރުހަލާތަކަށް އެހީއަކަށް ވެގެންދާނެއެވެ.
މިއީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ އެހީގައި، ޔޫ.އެން.އޯ.ޑީ.ސީ މެދުވެރިކޮށް ފޯރުކޮށްދީފައިވާ ތަކެއްޗެވެ.
