logo
banner image

ބ.ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް ދެމުން ދިޔަ މުހިއްމު ޚިދުމަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ، މަސައްކަތް ކުރަމުންނެވެ. މިގޮތުން އިމިގްރޭޝަންގެ ދަށުން ދޭ ޕާސްޕޯޓާއި، އައިޑީކާޑުގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއްރަށުގައި މިޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ ބ.އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް"ގެ ގޮތުގައި އޭދަފުށި އަދި ދަރަވަންދޫ ޚިޔާރުކުރެެވޭނެ ކަމަށެވެ.

މި ޚިދުމަތް އެ ރަށުގައި ޝަރަފްވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަޙީދުއެވެ.

މި ހަފްލާގައި ބ. ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީޙު އާއި ކައުންސިލްގެ މެމްބަރުންގެ އިތުރުން ރަށުގެ ރައްޔިތުންނާއި އިމިގްރޭޝަންގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

ޕާސްޕޯޓު އަދި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ރައްޔިތުން އަންނަނީ، ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރު ކުރަމުންނެވެ. މިޚިދުމަތް ރަށްރަށުން ލިބެން ފެށުމާއެކު މާލީގޮތުން ރައްޔިތުން އުފުލަމުން ދިޔަ ބޮޑު ބުރައަކަށް ނިމުމެއް އަންނާނެއެވެ.