logo
banner image

އޮފިސަރުންނާއި ޤައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް: ސީޕީ ޒަރީރު

އޮފިސަރުންނާއި ޤައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން، އެކި ކޯސްތައް ފުރިހަމަކުރި ޤައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވަނީ ޖަލުތަކުގެ ހިންގުމާއި ސެކިއުރިޓީ ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އެމްސީއެސްގެ އޮފިސަރުން ވަރަށް ބުރަ އަދި ހީވާގިކަމާއެކު މަސައްކަތްކުރަމުން ގެންދާކަން ފާހަގަކުރައްވާފައެވެ.

ސެޓްފިކެޓް ހާޞިލްކުރި ޤައިދީންނާ މުޙާތަބްކުރައްވާ ކޮމިޝަނަރ ދެއްކެވި ވާހަކައިގެ ތެރޭގައި ފާހަގަކުރެއްވީ، ގައިދީއަކު ޖަލަށްލުމުން މުޅި އުމުރު ދިޔައީކީ ނޫން ކަމަށެވެ.

އަޒުމާއި ހިތްވަރާއެކު ޤައިދީން އިސްނަގައިގެން ކޯސްތަކުގައި ބައިވެރިވެ، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ހަރުދަނާވުމަށް މަސައްކަތްކުރާތީ އުފާކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

އައިކޯސްޓްގެ މެނޭޖްމަންޓަށާއި އޮފިސަރުން އަދި މުދައްރިބުންނަށް ޝުކުރުއަދާކުރައްވަމުން ވިދާޅުވީ، މުސްތަޤްބަލުގައި އޮފިސަރުންނާއި ޤައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަށް އުއްމީދުކުރައްވާ ކަމަށްވެސް ސީޕީގެ ވާހަަކައިގައި ފާހަގަކުރެއްވިއެވެ.

ސީޕީގެ ވާހަކަ ނިންމަވާލެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންގެ މަސައްކަތްތަކަށާއި އެމްސީއެސްއަށް ވެދެއްވާ އެހީތެރިކަމަށް ތަޢުރީފްކުރައްވަމުންނެވެ.