logo
banner image

ފީއަލީގައި އަމާންކަން ދެމެހެއްޓުމަށްޓަކައި ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކޮށްފި

ފީއަލީގައި އަމާންކަން ދެމެހެއްޓުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ރަށުގެ މުއައްސަސާތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާކުރެއްވީ ފ. ބިލެތްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރާއި، ފީއަލީ ކައުންސިލްގެ ރައީސްގެ އިތުރުން އެ ކައުންސިލްގެ މެންބަރުންނާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ރަށުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ރަށުގެ މުއައްސަސާތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި ރަށުގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައާއި އިޖުތިމާއީ ރައްކާތެރިކަން ދެމެހެއްޓުމުގައި، ފުލުހުންނާއި ކައުންސިލް އަދި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެފަރާތުންވެސް ފާހަގަކުރެއްވިއެވެ.

ފީއަލީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، މަޖިލިސް މެންބަރާއި ކައުންސިލް މެންބަރުން ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ގާނޫނު ނެގެހެއްޓުމަށާއި މުޖުތަމައުގެ ލާބަޔަށް ފުލުހުން ކުރަމުންދާ ހިދުމަތްތައް އެ ބޭފުޅުން ބަލައިގަންނަވާކަންވެސް ފާހަގަ ކުރެއްވިއެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ކުރިއަށް މި ބައްދަލުވުމުގައި، ފީއަލީގައި އަލަށް ބިނާކުރަމުންދާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުންވެސް ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި އެ މަޝްރޫއު ނިމުމުން، ފުލުހުން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، އެ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށާއި، މަސައްކަތް އަވަހަށް ނިންމުމުގެ މުހިންމުކަމާ ބެހޭގޮތުން ހިޔާލު ބަދަލުކުރެއްވިއެވެ.