logo
banner image

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން، އެކި ކޯސްތައް ފުރިހަމަކުރި ޤައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްކޮށްދެއްވީ ޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

ޤައިދީން ރިހެބިލިޓޭޓްކޮށް، ޖަލުން ނިކުންނައިރު މުޖްތަމަޢުއަށް ފައިދާހުރި، މަސައްކަތްތެރި ބަޔަކަށް ހެދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހިންގާފައިވާ އެކި ކޯސްތައް ފުރިހަމަކުރި ޤައިދީންނަށް މި ރަސްމިއްޔާތުގައި ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ.

އޭގެ ތެރޭގައި ރަމަޟާން މަހަށް ޚާއްސަކޮށް ޖަމީއަތުލް ސަލަފްއާ ގުޅިގެން ހިންގި ދީނީ ޕްރޮގްރާމް އަދި “އަވަސްވެގަންނާށެވެ 1447″، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ސޮނެވާ ނަމޫނާއާ ގުޅިގެން ހިންގި “ކާދު 100” ޕްރޮގްރާމް ފުރިހަމަ ކުރި ޤައިދީންނަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ.

އަދި ކޯސްތަކުގެ މުދައްރިބުންނަށާއި ޤައިދީންނަށް މަސައްކަތްތައް ދަސްކޮށްދިނުގެ މަޝްރޫޢުގެ ތެރެއިން، ކަސަބު ގެތުމާބެހޭގޮތުން ހިންގި ޕްރޮގްރާމް ފުރިހަމަކުރި އޮފިސަރުންނަށާއި މުވައްޒަފަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާން ވަނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އަލަށް ތަޢާރަފްކުރި “ސެޓްފިކެޓް 1 އިން ޤިރާތު” ވަނީ މިއަދު އިފްތިތާހުކޮށްދެއްވައިފައެވެ. މި ކޯހުގެ ދެ ބެޗްގައި ޖުމްލަ 67 ޤައިދީން ވަނީ ބައިވެރިވެފައެވެ.

މިއީ އައިކޯސްޓްއިން ޤިރާތު ކޯސް އެހެން އިންސްޓިޓިއުޓެއްގެ އެހީތެރިކަމާ ނުލާ ހިންގާ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، އައިކޯސްޓްއިން ކުރިއަށް ހިންގުމަށް ރޭވިފައިވާ ކޯސްތައްވެސް މިނިސްޓަރ އިފްތިތާޙުކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙް، މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙްއާއި މޯލްޑިވްސް ކަސްޓަސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް މަޙްމޫދު ރިޔާޒް، ކަރެކްޝަންސްގެ އެގްޒަކަޓިވް އަދި ސީނިއަރ ލެވެލްގެ އޮފިސަރުންނާއި ސިވިލް މުވައްޒަފުން އަދި ދަޢުވަތު އެރުއްވި މެޙެމާނުން ބައިވެރިވެލެއްވިއެވެ.