ހދ. ފިނޭ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި
ހދ. ފިނޭގައި އަލަށް ބިނާކުރި ފުލުހުންގެ އައު އިމާރާތް "ހދ. ފިނޭ ޕޮލިސް ސްޓޭޝަން" ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ފިނޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފިނޭ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޢަލީއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ޚިދުމަތް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، މި ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅާފައިވަނީ 2025 އޯގަސްޓް 28 ވަނަ ދުވަހުއެވެ.
ހދ. ފިނޭގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރެވުމަކީ އެ ރަށުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފުލުހުންގެ ޚިދުމަތް ލިބިގެންދިއުމުގެ އިތުރުން، ގާނޫނު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެ، ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
މި ސްޓޭޝަން ހުޅުވިގެން ދިއުމާއެކު، ހދ. ފިނޭގައި ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދެވި، ފިނޭގެ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމުވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި އެމް.ޓީ.ސީ.ސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ސިނާން ޢަލީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
