logo
banner image

ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ނިޔާވި އޮފިސަރަށް މަގާމުގެ ކުރިއެރުން

ދިވެހި ފުލުހުންގެ ޚިދުމަތުގައި އިހުލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި، ސީނިއާ ސާޖަންޓް އަޙްމަދު އާސިފް (ސާވިސް ނަންބަރު: 4702) ދެއްކެވި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، އަޙްމަދު އާސިފަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކް މިއަދު ވަނީ އަރުވައިފައެވެ.

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް ނިޔާވީ 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށެވެ. އަޙްމަދު އާސިފްގެ ވަކިވެދިއުމަކީ މުއައްސަސާއަށާއި، އަޙްމަދު އާސިފް ވަފާތެރިކަމާއެކު ޚިދުމަތްކުރެއްވި މި ގައުމަށް ލިބުނު ފުން ހިތާމައެކެވެ.

މި މަގާމުގެ ކުރިއެރުމަކީ، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމުގައި އަޙްމަދު އާސިފް އަދާކުރެއްވި އިހުލާސްތެރި ދައުރާއި، ކުރެއްވި މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ޝަރަފެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި އަޙްމަދު އާސިފް ދެއްކެވި ނަމޫނާއާއި، ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއެކުގައެވެ.

ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފްގެ އާއިލާއަށާއި، ލޯބިވާ ފަރާތްތަކަށް، އަދި ރަހުމަތްތެރިންނާއި އެކުގައި މަސައްކަތްކުރެއްވި އެންމެހާ މުވައްޒަފުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ނުހަނު އިހުލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. އަޅަމެންގެ ދުޢާއަކީ މާތްﷲ އަޙްމަދު އާސިފްގެ ފުރާނައަށް ރަޙުމަތްލައްވައި، ކުށްފާފަތައް ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމެވެ.