އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
އައްޑޫ ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ހިތަދޫ / ލާމިޔާގެއާގޭ ބަންދުކުރަން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ.
މި އަމުރު ނެރެފައިވަނީ މި މަހުގެ 08 ވަނަ ދުވަހުން ފެށިގެން 90 ދުވަހަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލިުހުން ވިދާޅުވެއެވެ.
އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
