ކޮންޓްރޯލްޑެލިވަރީ ހިންގުމާއި ކުޑަކަމުދާއެއްޗެހި ނެގުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދު އާންމުކޮށްފި
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑެލިވަރީ ހިންގުމާއި ކުޑަކަމުދާއެއްޗެހި ނެގުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފިއެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރުމަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ، އިޖުރާއަތުތަކާއި އުސޫލުތައް ހިންގުމުގައި އަމަލީގޮތުން ކަންކަން ކުރަންވީގޮތް ބަޔާންކޮށް ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެކުލަވައިލި ގަވާއިދު "މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަޙުލީލުކުރުމަށް ފޮނުވުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ 2026 ޖޫން 9 ވަނަ ދުވަހު އެވެ.
މި ގަވާއިދަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011/17)ގެ ދަށުން، ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ހޯދުމާއި، އެ ތަކެތި ތަހުލީލުކުރުމާ ގުޅޭގޮތުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގެ ސަބަބުން، މަސްތުވާތަކެތީގެ ތަހުގީގުތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމަށް ހުއްދަ ހޯދުމާއި، ހުއްދަ ދިނުމާއި، އެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތާއި، ބަލަހައްޓާނެ ގޮތުގެ އިތުރުން ރިޕޯޓްކުރާނެ ސާފު އުސޫލުތަކެއް އަދި އެކަންކަން ޖަވާބުދާރީވަނިވި ގޮތެއްގައި ކުރުމަށް މަގުފައިވާގޮތަށް ކުރުމަށް ތަހުގީގުކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެއެވެ.
މީގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހުންގެ ކުޑަކަމުދާ އެއްޗެހި ދިނުމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އެންގޭނެ ހާލަތްތަކާއި، އެންގުމުގައި އަމަލުކުރާނެގޮތާއި، ކުޑަކަމުދާ އެއްޗެހި ނެގުމާއި ތަހުލީލުކުރުމަށް ލެބޯޓްރީއަށް ފޮނުވުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ވެސް މި ގަވާއިދުގައި ބަޔާންކޮށްދީފައިވެއެވެ.
ކުޑަކަމުދާ އެއްޗެއްސާ ގުޅޭގޮތުން މި ގަވާއިދުގެ ސަބަބުން އަންނަ އެއްމެ ބޮޑު އެއްބަދަލަކީ، ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރީކަމަށް ބެލެވޭނެ ވަގުތު 12 (ބާރަ) ގަޑިއިރަށް ކުޑަވެގެން ދިއުމެވެ.
މި ގަވާއިދުގައިވާ ގޮތުން، ކޮންޓްރޯލްޑް ޑެލިވަރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފުލުހުންގެ އިސް އޮފިސަރެއްގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ.
ކޮންމެ އޮޕަރޭޝަނަކަށް ވެސް ވަކިވަކިން ހުއްދަ ހޯދަންޖެހޭއިރު، އެ ހުއްދަ ދިނުމުގައި މައްސަލައިގެ ތަފުސީލަށާއި، އޮޕަރޭޝަން ހިންގުމުގެ މުހިންމުކަމަށާއި، ބައިވެރިވާ އޮފިސަރުންނާއި، ސަލާމަތީ ކަންކަމުގެ އިތުރުން ތަހުގީގަށް ލިބޭނެ ކުރިއެރުމަށް ރިއާޔަތްކުރަންޖެހެއެވެ.
ޒިންމާދާރުކަން އިތުރުކުރުމުގެ ގޮތުން، ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތަކާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި ރިޕޯޓްކުރުން މި ގަވާއިދުން ލާޒިމުކުރެއެވެ.
އަދި މިފަދަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބަދަލުގައި އެހެން އެއްޗެއް (ސަބްސްޓިއުޓެއް) ބޭނުންކުރުމާއި، ކަމާގުޅުންހުރި އެހެން ފަރާތްތަކުގެ ބައިވެރިވުން ހޯދުމާއި، އޮޕަރޭޝަން ކުރިއަށް ގެންދިއުން ނުވަތަ މެދުކަނޑާލުމުގެ އިތުރުން، އޮޕަރޭޝަން ނިމުމުން އެކަމުގެ މައުލޫމާތު ހުށަހަޅާނެ ގޮތްތައް ވެސް ވަނީ ބަޔާންކޮށްފައެވެ.
ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމާ ގުޅޭގޮތުން، ސާމްޕަލް ދޭންޖެހޭ ފަރާތަށް އެކަން އެންގުމާއި، ސާމްޕަލް ނެގުމާއި، އެ ރައްކާތެރިކަމާއެކު އުފުލުމާއި، ތަހުލީލުކުރުމަށް ރަސްމީ ލެބޯޓްރީއަށް ހުށަހެޅުމުގެ ނިޒާމެއް މި ގަވާއިދުން ގާއިމުކުރެއެވެ. ހަމައެހެންމެ، ގާނޫނުގައިވާ ގޮތުގެ މަތިން، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ ނޫން އެހެން ލެބޯޓްރީއަކުން ސާމްޕަލް ތަހުލީލުކުރުމަށް އެދުމުގެ ފުރުސަތު ސާމްޕަލް ދޭ ފަރާތަށް ލިބިގެންވާކަން ވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދު ޝާއިއުކުރުމާއެކު މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަން ކުރުމުގައި އަމަލުކުރަންވީ ސާފުގޮތް އެންމެހައި ފަރާތްތަކަށް އެނގިގެންދާނެއެވެ.
މީގެ އިތުރުން، މިއީ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އެ ތަކެތި އެތެރެކުރުމާއި، ބޭނުންކުރުމުގެ ސަބަބުން މުޖުތަމައަށް ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށް އެޅުނު މުހިންމު ބާރެކެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު އެހީތެރިކަމެކެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
