މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދީފި
ގްރޭޓަރ މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އެކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައިބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރއޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި، ކޮމިޝަންޑު އޮފިސަރުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ ފުލުހުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. ސީނިއަރ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ ފުލުހުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 156 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 28 ކޮމިޝަންޑު އޮފިސަރުންނާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ 61 ފުލުހުންނާއި، ސީނިއަރ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ 67 ފުލުހުންނެވެ.
