logo
banner image

ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް އިނގިރޭސިވިލާތުގެ ޑެޕިއުޓީ ހައި ކޮމިޝަނަރާ މަޝްވަރާކުރައްވައިފި

ރާއްޖޭގެ ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް އިނގިރޭސިވިލާތާ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ކުރެއްވީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރު، މިސްޓަރ ޓޮފް ވަހާބް، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ފުލުހުންގެ ތަމްރީނާއި، ފަންނީ އެހީތެރިކަމާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން މުއައްސަސާގެ ކުރިއެރުމަށް އިނގިރޭސިވިލާތުން ދެމުންގެންދާ އެއްބާރުލުން އެގޮތުގައި ކުރިއަށް ގެންދިއުމާ ގުޅޭގޮ ތުންނެވެ.

އަދި ފުލުހުންގެ ފަންނީ ހުނަރުވެރިކަން އިތުރުކުރުމަށާއި، ރާއްޖޭގެ ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް ގުޅިގެން އިތުރަށް މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތާއި އިނގިރޭސިވިލާތުގެ މުއައްސަސާތަކާ ދެމެދު އޮންނަ ވަރުގަދަ ގުޅުން ފާހަގަކުރައްވައި، ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށާއި މުއައްސަސާގެ ތަރައްގީއަށް އިނގިރޭސިވިލާތުން ފޯރުކޮށްދެމުންދާ އަގުހުރި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އައުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތާއި އިނގިރޭސިވިލާތުގެ ކަމާގުޅޭ މުއައްސަސާތަކާ ދެމެދު އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ހައި ކޮމިޝަނަރގެ އަރިހުގައި، އިނގިރޭސިވިލާތުގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޔުނިޓުގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮޖެކްޓް އެންޑް ޕްރިޕެއާޑްނަސް އޮފިސަރ މިސްޓަރ މެތިއު ޕޮޓްސް ބައިވެރިވެވަޑައިގެންނެވިއެވެ.