އިންވެސްޓިގޭޝަން އޮފިސަރުން އަދާކުރައްވާ ދައުރަކީ ރައްޔިތުންގެ އިތުބާރު ހޯދުމަށް މުހިންމު މަސައްކަތެއް: ސީޕީ
އިންވެސްޓިގޭޝަން އޮފިސަރުން އަދާކުރައްވާ ދައުރަކީ ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެހެން ބޭނުންތެރި މަސައްކަތެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީޕީ މިފަދައިން ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި އޮފިސަރުންގެ އަގުވަޒަންކުރުމަށް އިސްކަންދަރުކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވަނީ ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ބެހެއްޓެވި ސާބިތުކަމާއި، ދެއްކެވި ހުނަރުވެރިކަމުގެ އިތުރުން މަސައްކަތަށް ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވައި އެ ބޭފުޅުންނަށް ތައުރީފުކުރައްވާފައެވެ.
އަދި ކާމިޔާބު ތަހުގީގެއް ފުރިހަމަ ކުރުމަށްޓަކައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ކުދިކުދި ތަފްސީލުތަކަށް ސަމާލުކަންދިނުމުގެ މުހިންމުކަންވެސް ސީޕީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރަށް އިންސާފު ގާއިމުކުރުމުގައާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުން އަދާކުރައްވާ ދައުރަކީ ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެހެން ބޭނުންތެރި މަސައްކަތެއްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މިއީ ޖިނާއީ ތަހުގީގުތަކާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ފުލުހުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް ބޭއްވޭ މުހިންމު ހަފުލާއެއްކަން ފާހަގަކުރައްވާ ސީޕީ ވަނީ، މިފަހަރު ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކަށް ބަލާފައިވީ ނަމަވެސް، ކުރިއަށް އޮތްތަނުގައި މުއައްސަސާގެ އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތައް ކުރައްވާ އޮފިސަރުންގެ އަގުވަޒަންކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތަކީ ޖިނާއީ ބޮޑެތި މައްސަލަތަށް ތަހުގީގުކޮށް ކާމިޔާބުކަމާއިއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި، ތަހުގީގުކުރުމަށް އެކިގޮތްގޮތުން އެހީތެރިވެދީފައިވާ ފުލުހުންގެ މަސައްކަތް ބަލައިގަނެ، އަގުވަޒަންކޮށް ހަނދާނީ ލިޔުން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ރަސްމިއްޔާތެކެވެ.
މިއަދު ހަނދާނީ ލިޔުން ލިބުނު 117 އޮފިސަރުންނަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑިޕާޓްމަންޓްތަކުގައި ތަހުގީގުކޮށްފައިވާ ބޮޑެތި މައްސަލަތަކުގައި ބައިވެރިވެފައިވާ އޮފިސަރުންނެވެ. މީގެ ތެރޭގައި މިހާރު އެހެނިހެން ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ އޮފިސަރުން ވެސް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި، ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ފަރާތުން ވަނީ، ކޮމިޝަނަރ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އިންވެސްޓިގޭޝަން އޮފިސަރުންގެ މަސައްކަތްތައް ބަލައިގަނެ، ހިތްވަރު ދެއްވި ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި ކޮމިޝަނަރ އަޙްމަދު މުޙައްމަދު ދެއްވަމުން ގެންދަވާ އިރުޝާދަށްޓަކައި، އެ ކޮމާންޑްގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ވަނީ ޝުކުރު ދަންނަވާފައެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
