logo
banner image

މޮރޮކޯގައި ބޭއްވި އިންޓަޕޯލް ސައިބަރ ގޭމްސްގައި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެ

އިންޓަޕޯލުން އިންތިޒާމުކޮށްގެން ބޭއްވި 8 ވަނަ "ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖް / ސައިބަރ ގޭމްސް"ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

މޮރޮކޯގެ މަރަކޭޝްގައި 2026 މެއި 19 އިން 21 އަށް ބޭއްވި މި ޕްރޮގްރާމަކީ އެކި ގައުމުތަކުގެ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ސައިބަރ ކުށްތަކާއި އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމަށް ބޭނުންވާ އަމަލީ ހުނަރުތައް ތަރައްގީކުރުމަށް ބޭއްވޭ ހަރަކާތެކެވެ.

މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކާ ދެކޮޅަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުމާއި، އިންޓެލިޖެންސް މައުލޫމާތު ބޭނުންކުރުމާއި، ހެކި ބެލެހެއްޓުމާއި، ތުހުމަތުކުރެވޭ މީހުންނާ ސުވާލުކުރުމުގެ އުކުޅުތަކުގެ އިތުރުން، ޖިނާއީ ތަހުގީގުތަކުގައި ބައިނަލްއަގުވާމީ ގާނޫނީ އެހީތެރިކަން ހޯދާނެ ގޮތްތަކުގެ މައްޗަށެވެ.

އިންޓަޕޯލް ސައިބަރ ގޭމްސް ފަދަ ބައިނަލްއަގުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ބޭރު ގައުމުތަކުގެ ތަޖުރިބާކާރުންނާއެކު މައުލޫމާތު ބަދަލުކުރުމަށް ލިބޭ ފުރުސަތެކެވެ. މީގެ ސަބަބުން ސައިބަރ ކުށްތަކާއި މަކަރާއި ހީލަތުގެ މައްސަލަތައް ތަހުގީގުކުރުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.