"ކޯ.ލެބް 26"ގެ ފުރަތަމަ ދެ ދުވަސް ކާމިޔާބުކަމާއެކު ނިންމާލައިފި
މޯލްޑިވްސް އޭ.އައި ލެބްގެ ފުރަތަމަ ހަރަކާތް، "ކޯ.ލެބް 26"ގެ ފުރަތަމަ ދެ ދުވަސް ކާމިޔާބުކަމާއެކު ނިންމާލައި، ސަރުކާރުގެ އިދާރާތަކުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އެންމެ ފުރަތަމަ އޭއައި ބޭނުންކުރާނެ މައިގަނޑު ދާއިރާތައް ކަނޑައަޅައިފިއެވެ.
މައިންޑްކޯ އިން މައުލޫމާތުދޭ ގޮތުގައި އާރޓިފިޝަލް އިންޓެލިޖަންސް (އޭއައި) އާއި ޑިޖިޓަލް އިންގިލާބުގެ ބޭނުން ހިފައިގެން، ދައުލަތުގެ ޚިދުމަތްތައް އާ ހަރުފަތަކަށް ގެންދިއުމަށް މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން މި މަހުގެ 18 އިން 21 އަށް ކުރިއަށްގެންދާ "ކޯ.ލެބް 26" ގައުމީ ހަރަކާތުގެ ފުރަތަމަ ދެ ދުވަހުގެ ސެޝަންތައް ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ.
މި ހަރަކާތުގެ ތެރެއިން، ރާއްޖޭގައި އޭއައި އަދި ޒިންމާދާރު ޑޭޓާ ގަވަރނަންސް ކުރިއެރުވުމަށްޓަކައި މައިންޑްކޯ އަދި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ޤާއިމުކުރެވުނު ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު، "މޯލްޑިވްސް އޭއައި ލެބް"ގެ ނަމުގައި ވަނީ ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ.
ހަރަކާތް ފެށުމުގެ ރަސްމިއްޔާތާއި ފުރަތަމަ ދެ ދުވަހުގެ މަސައްކަތްތައް ބައްޓަންކުރެވިގެންދިޔައީ ހަމައެކަނި ތިއަރީ ވާހަކަތަކެއްގެ ބަދަލުގައި، އަމަލީ ގޮތުން ނަތީޖާ ނެރުމަށް އަމާޒުކުރުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް އެކުލަވާލާފައިވާ "މޯލްޑިވްސް 2.0" ޑިޖިޓަލް އެޖެންޑާގެ ދަށުން ހޮޓެލް ޖެންގައި ބޭއްވޭ މި ހަރަކާތުގައި، ސަރުކާރުގެ ވުޒާރާތަކާއި ފަންނީ މާހިރުން ގުޅިގެން ވަނީ ސަރުކާރުގެ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ޕްރޮޑަކްޓިވިޓީ އިތުރުކުރުމަށް އެންމެ ފުރަތަމަ އޭއައި ތައާރަފުކުރާނެ މުހިންމު ދާއިރާތަކާއި "ޔޫސް-ކޭސް" ތައް ދެނެގަނެ، އިސްކަންދޭނެ ތަރުތީބު ކަނޑައަޅާފައެވެ.
ފުރަތަމަ ދުވަހުގެ ސެޝަންތައް ޚާއްސަކުރީ ދުނިޔޭގެ އޭއައިގެ މަސްރަހު ދެނެގަތުމަށާއި، ރާއްޖޭގެ މިހާރުގެ ތައްޔާރީތާ ހުރި މިންވަރު ވަޒަންކުރުމަށެވެ.
މީގެ އިތުރުން، އިދާރާތަކުން އޭއައި ޔޫސް-ކޭސްތައް ދެނެގަންނާނެ އޮޕަރޭޝަނަލް ފްރޭމްވޯކް ބައިވެރިންނަށް ތައާރަފުކުރެވުނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އޭއައި ބޭނުންކުރާ ގޮތްތަކާއި، އޭއައި ގަވަރނަންސް އަދި އިންފްރާސްޓްރަކްޗާގެ މައްޗަށް އަލިއަޅުވާލުމަށްފަހު، ދުވަސް ނިންމާލީ މައިންޑްކޯ އިން ކުރިއަށްގެންދިޔަ "ޔޫސް-ކޭސް ސެލެކްޝަން ސްޕްރިންޓް" އަކުންނެވެ.
މި ސެޝަންގައި ވުޒާރާތަކުން ވަނީ އޭއައި މެދުވެރިކޮށް ހައްލުކުރެވިދާނެ އިދާރީ އަދި ހިންގުމުގެ ގޮންޖެހުންތައް ފާހަގަކޮށްފައެވެ.
ދެވަނަ ދުވަސް ޚާއްސަކުރެވިގެންދިޔައީ ވުޒާރާތަކުގެ ހުށަހެޅުންތައް (ޕިޗްތައް) ހުށަހެޅުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް އެފިޝެންޓްކޮށް، ޕްރޮޑަކްޓިވިޓީ އިތުރުކުރުމަށް އެންމެ މުހިންމު މަޝްރޫއުތައް ހޮވުމުގެ ފޯރިގަދަ ސެޝަންތަކަކަށެވެ.
ސިއްހީ، މާލީ، ފަތުރުވެރިކަން، ތައުލީމީ އަދި ތިމާވެށީގެ ދާއިރާއިން ބައިވެރިވި މިނިސްޓްރީތަކުން ވަނީ، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންކުރެވިދާނެ އޭއައި ޔޫސް-ކޭސްތައް ޖަޖުންގެ ޕެނަލްއަށާއި ބައިވެރިންނަށް ހުށަހަޅާފައެވެ. މިގޮތުން މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި 5 ވުޒާރާއިން އެންމެ ފުރަތަމަ 6-12 މަސްދުވަހުގެ ތެރޭގައި އޭއައި ސޮލިއުޝަން ފަރުމާކުރުމަށް ޖުމްލަ 16 ޔޫސްކޭސް ހުށަހެޅިގެން ދިޔައެވެ.
މި ހަރަކާތުގައި ހިމެނޭ ދެފުށް ފެންނަ ސްކޯރިންގ ނިޒާމުގެ ދަށުން، ހާޒިރުވެތިބި ބައިވެރިންނަށް ވުޒާރާތަކުން ހުށަހަޅައިދެއްވި ޔޫސްކޭސްތަކަށް ލައިވްކޮށް ވޯޓުލުމުގެ ފުރުސަތު ދެވުނެވެ.
އަދި އާއްމުންގެ ޚިޔާލާއި ބައިވެރިވުން މި ކަމުގައި ހޯދުމަށް، ހުށަހަޅައިދެވުނު ޔޫސްކޭސްތައް ޕަބްލިކް ވޯޓިންނަށް ވަނީ ހުޅުވާލެވިފައެވެ. އާއްމުންގެ ވޯޓުލުމުގެ ކަންކަން ކުރަިއަށްގެންދިއުމަށް ހަމަޖެހިފަވަނީ 7 ދުވަހުގެ މުހުލަތަށް، 26 މެއި 2026ގެ ނިޔަލަށެވެ.
"ކޯ.ލެބް 26"ގެ ތިންވަނަ އަދި ހަތަރުވަނަ ދުވަހު (މޭ 20 އިން 21 އަށް) ޚާއްސަކުރެވުނީ އަމަލީ ނަތީޖާއަށް އަމާޒުކޮށްގެން ބާއްވާ "ކޯ.ލެބް 26 ހެކަތަން" އެވެ.
މި ހެކަތަންގައި ޑިވެލޮޕަރުންނާއި، ތަޖުރިބާކާރުންނާއި، އީޖާދީ ސްޓާޓްއަޕްތައް ގުޅިގެން، ފުރަތަމަ ދެ ދުވަހު ސަރުކާރުގެ އިދާރާތަކުން އިސްކަންދިން ޔޫސް-ކޭސްތައް އަމަލީ ޕްރޮޓޯޓައިޕްތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެއެވެ.
