logo
banner image

ފުވައްމުލަކު ސިޓީގައި ގާއިމްކުރާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތް ބާރަށް ކުރިއަށް

ފުވައްމުލަކު ސިޓީގައި ގާއިމްކުރާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުގެ ފައުންޑޭޝަން ބީމް ޝަޓަރިން އާއި ރިއިންފޯސްމަންޓް މަސައްކަތް ފަށައިފިއެވެ.

ފުލުހުންގެ އެކޮމޮޑޭޝަންގެ ބްލޮކްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކަަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 4ވަނަ ދުވަހު ކުރެއްވި ޒިޔާރަތުގައެވެ.

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އެމްޓީސީސީން ބުނެފައިވަނީ ފުވައްމުލަކު ޕޮލިސް އެކޮމޮޑޭޝަން ބްލޮކް އިމާރާތް ކުރުމުގެ މަސައްކަތުގެ ފައުންޑޭޝަން ބީމް ޝަޓަރިން އާއި ރިއިންފޯސްމަންޓް މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ތައްޤީކުރާ އެކޮމަޑޭޝަން ބްލޮކަކީ 11,946 އަކަފޫޓުގެ ސަރަހައްދެއްގައި 3 ފަންގިފިލާގެ އިމާރާތްކުރާ ތަނެކެެވެ. އެއިން ކޮންމެ ފަންގިފިލައެއްގައި 3982 އަކަފޫޓު ހުންނާނެއެއެވެ. މިއީ 19.17 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގިނަ ފުލުހުންނަށް ތިބެވޭނެ ގޮތަށް ޒަމާނީ ވަޞީލަތްތައް ހިމެނޭހެން ފުލުހުންގެ އިމާރާތްތައް އެޅުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.