ކުށްތަކުން ދަރިވަރުން ރައްކާތެރިކުރުވުމާ ގުޅޭގޮތުން ނެއްލައިދޫ ބެލެނިވެރިންނަށް މައުލޫމާތުދީފި
ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ކުށްތަކުން ބެލެނިވެރިންނާއި ސްކޫލު ދަރިވަރުން ރައްކާތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހދ.ނެއްލައިދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 14 ވަނަ ދުވަހު ނެއްލައިދޫ ސްކޫލުގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ ނެއްލައިދޫ ޕޮލިސް ޕޯސްޓާއި އެ ސްކޫލު ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ. މި ސެޝަނުގައި ބެލެނިވެރިންނަށް މައުލޫމާތު ދީފައިވަނީ ނެއްލައިދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުންނެވެ.
އެގޮތުން، ކުޑަކުދިން އެކަނި ބައިސްކަލް ދުއްވުން އިތުރުވުމާއި ލައިސަންސް ނެތި އުޅަނދުފަހަރު ދުއްވުމާއި ރައްކާތެރިކަމެއްނެތި ޑިންގީ ފަދަ ކަނޑުއުޅަނދުތަކުގައި ދަތުރުކުރުމާއި ރޭގަނޑު ދަންވަންދެން އެކަނި ގެއިން ބޭރުގައި ހޭދަކުރާ މަންޒަރު ފެންނަމުންދާތީ އެފަދަ ކަންކަން ހައްލުކުރުމަށް ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.
އަދި ކުޑަކުދިންގެ ފަރާތުން ފެންނަމުންދާ މިފަދަ ކަންކަން ހައްލުނުވާނަމަ ނިކުމެދާނެ ނުރަނގަޅު ނަތީޖާތަކާއި، ކުޑަކުދިންނަށް ލިބިދޭ ގާނޫނީ ރައްކާތެރިކަމާއި، މުޖުތަމައުގައި ކުށްތަކަށް އަރައިގަންނަ ކުދިން މަދުކުރުމަށް ބެލެނިވެރިންގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ބެލެނިވެރިންގެ މައްޗަށް ލާޒިމުކުރާ ކަންކަމަށް އަހުލުވެރިކުރުވައި ދަރިން ތަރުބިއްޔަތު ކުރުމުގައި ބޭނުންކުރާނެ މުހިންމު އުކުޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އަދި ކުދިންގެ ތައުލީމީ ހައްގުތައް ކަށަވަރުކުރުމާއި، ގޭތެރޭގެ މާހައުލަކީ ކުއްޖާގެ ކުރިއެރުމަށް ބޭނުންވާ އަމާން ތަނަކަށް ހެދުމަށް ކުރެވިދާނެ ކަންކަން ވެސް ކިޔައިދީފައިވެއެވެ.
މީގެއިތުރުންވެސް، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް އަހުލުވެރިކުރުވައި، ގަވާއިދާހިލާފުވާ ފަރާތްތަކާމެދުފިޔަވަޅު އެޅޭނެ އުސޫލުތަކާ ގުޅޭގޮތުންވެސް މި ސެޝަނުގެ ތެރެއިން ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. އަދި ނެއްލައިދޫއަކީ އެންމެންނަށް ވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކާއި ކުރިއަށް އޮތްތަނުގައި ކުރުމަށް ރޭވިފައިވާ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ސެޝަނުގައި އެ ސްކޫލުގެ ގިނަ އދަދެއްގެ ބެލެނިވެރިން ބައިވެރިވިއެވެ.
