މޯލްޑިވްސް 2.0 ތަންފީޛުކުުރުމުގައި ޕްރައިވެޓް ސެކްޓަރގެ ދައުރު ފުޅާކުުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
"މޯލްޑިވްސް 2.0"ގެ މަގުޗާޓު ތަންފީޒުކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކޮށް އަދި އައި.ސީ.ޓީ އެކޯސިސްޓަމް ތަަރައްޤީކޮށް ފުޅާކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މާދަމާ ބާއްވާ މި މަޝްވަރާ ބައްދަލުވުމަކީ މަގުޗާޓުގައި ހިމެނޭ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމާއި އީޖާދީ މަސައްކަތްތަކާ ގުޅޭ އަށްވަނަ ތަނބަށް ޚާއްސަކޮށްގެން ބާއްވާ ހަރަކާތެކެވެ.
މި މަޝްވަރާ ބައްދަުލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ "ކޯ-ކްރިއޭޓިންގް ޕިލަރ - 8- ޕްރައިވެޓް ސެކްޓަރ ޑައިލޯގް" މި ނަމުގައެވެ.
މި މަޝްވަރާ ބައްދަލުވުން އިންތިޒާމު ކުރެވިގެންދަނީ މައިންޑްކޯ އާއި އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސް އިން ގުޅިގެން ބާއްވާ ހަރަކާތެއްގެ ގޮތުގައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފިސަރުން ބައިވެރިވުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ފަރާތްތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުން ވެގެންދާނީ މޯލްޑިވްސް 2.0 މަޝްރޫޢު ތަންފީޛުކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ހުޅުވާލެވިފައިވާ މާހަޢުލެއްގައި ބިނާކުރަނިވި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ ހަރަކާތަކަށެވެ. އަދި މަޝްވަރާތަކުގެ އަލީގައި ޕްރައިވެޓް ސެކްޓަރގެ ބައިެރިވުން އިތުރުކުރުމަށް މަގުޗާޓުގައި ހިމެނިފައިވާ އެކިއެކި ހަރަކާތްތަކަށް ގެންނަންޖެހޭ ބަދަލުަތައް ގެނައުމަށް މި ބައްދުލުވުން އެހީވެދޭނެއެވެ. .
”މޯލްޑިވްސް 2.0" އިން ކަނޑައަޅާފައިވާ ގައުމީ އިސްތިރާޖީ މިސްރާބާ އެެއްގޮތަށް، ވަރުގަދަ ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއެކު، ޝާމިލްވާ ހުރިހާ ފަރާތްތަކަށް ނަފާވާ ގޮތަށް މަގުޗާޓުގެ ހަރަކާތްތައް ވިިލަރެސްކުރެވިގެންދާނެއެވެ.
މޯލްޑިވްސް 2.0ގެ އަށްވަނަ ތަނބު ބިނާވެފައިވަނީ ޑިޖިޓަލް އީޖާދުތަކާއި، ފަންނީ ވިޔަފާރިވެރިކަމާއި، ސަރުކާރާއި ޓެކްނޮލޮޖީ ދާއިރާގެ އެއްބާރުލުމާއި، އަމިއްލަ ސެކްޓަރުގެ ބައިވެރިވުން އިތުރުކޮށްގެން އިގްތިސާދީ ދުވެލި ހަލުވިކުރުމުގެ މައްޗަށެވެ. މިއީ އެކި ސިނާއަތްތަކާއި އެކި ދާއިރާތަކަށް އަންނަ ޑިޖިޓަލް ބަދަލުތަކަށް އަމާޒުކުރާ ހަތްވަނަ ތަނބާއި، ރައްޔިތުންނަށް ލުއި ފަސޭހަ ޑިޖިޓަލް ޚިދުމަތްތަކަށް އަމާޒުކުރާ ހަވަނަ ތަނބާ ގުޅިލާމެހިފައިވާ މަސައްކަތެކެވެ.
