logo
banner image

ވޭޕް ބޭނުންކުރުމާއި ކުރުމާއި ގެންގުޅުމުގެ ކުށުގައި މިދޔަ މަހު 407,000 ރުފިޔާގެ ޖޫރިމަނާ ކޮށްފި

ވޭޕް ބޭނުންކުރުމާއި ކުރުމާއި ގެންގުޅުމުގެ ކުށުގައި މިދޔަ މަހު އެކަނިވެސް 407,000 ރުފިޔާގެ ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ މަހު ވޭޕް ކުރުމާއި އެފަދަ ތަކެތި ގެންގުޅުމާއި ގުޅޭ 20 މައްސަލައެއް ވަނީ ބަލާފައެވެ. އަދި މި މައްސަަލަތަކުގައި 82 މީހަކު ހިމެނޭ ކަމަށާ އެ މީހުން ޖޫރިމަނާ ކޮށްފައިވެއެވެ.

އެގޮތުން ވޭޕާއި އީ ސިގިރޭޓު ގެންގުޅުނު 7 މައްސަލަކާއި ވޭޕާއި އީ ސިގިރޭޓު ބޭނުންކުރި 9 މައްސަލައެއްގެ އިތުރުން ވޭޕްގެ ވިޔަފާރި ކުރި 1 މައްސަލައާއި ވޭޕާއި ގުޅޭ އެހެން 3 މައްސަލައެއް މިދިޔަ މަހު ވަނީ ފުލުހުން ތަހުގީގު ކޮށްފައެވެ.

މި މައްސަލަތަކުގެ ތެރެއިން ވޭޕް ބޭނުންކޮށްގެން 52 މީހަކު ޖޫރިމަނާކުރި އިރު ވޭޕް ގެންގުޅެގެން 30 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އެގޮތުން ވޭޕް ބޭނުންކޮށްގެން 269،000 ރުފިޔާގެ ޖޫރިމަނާ ކުރި އިރު ވޭޕް ގެންގުޅެގެން 138،000ގެ ޖޫރިމަނާ ވަނީ ކޮށްފައެވެ.

ރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައުވާގޮތުން، އެ ގާނޫނާ ޚިލާފް ވެއްޖެ ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭއެވެ.

ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ މީހުންވެސް ފުރިހަމައަށް ޢަމަލުކުރުމަށާއި ޤާނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.